ހުރިހާ އެންމެން ހިހްތިޖާޖުކޮށްގެން ގައުމަށް ކުރިއެއް ނުލިބޭނެ.
ކަންކަން ލިބިގަތުމަށާއި ކަންކަން ޙާޞިލް ކުރުމަށް އެއްވެސް އިންސާނަކަށް ވަކި މިވެނި ވަރެކޭ ކިޔާފަ ހުދޫދެއް ކަނޑައެޅިފައެއް ނެތެވެ. އަދި ހަމައެހެންމެ އެއްވެސް އިންސާނެއްގެ ހިތަކީ ފުރޭނެ އެއްޗެއްވެސް ނުމެ ނޫންމެއެވެ. އެހެންނަމަ ދެންހެވޭ ކިޔައިފައި އެމެރިކާގެ މަޝްހޫރު އިންވެސްޓަރ ވާރނަރ ބްފެޓް އާއި މެކްސިކޯގެ ބިލިއަނަރ ކާލޮސް ސްލިމް ހެލޫ އާއި މައިކްރޯ ސޮފްޓްގެ ވެރިޔާ ބިލްގޭޓްސް އާއި ދުނިޔޭގައި ދަނގަޑު އެންމެ ގިނައި އުފައްދާ ފެކްޓްރީގެ ވެރިޔާ އިންޑިޔާގެ ލަކްޝަމީ މިޓެލް އާއި އިނޑިޔާގެ މުކޭޝް އަންބާނީ އާއި އަނިލް އަންބާނީ އާއި ސްވިޑްންގެ މަޝްހޫރު ވިޔަފާރިވެރިޔާ އިނގްވާރުގެ އާއިލާ އާއި އިމާރާތް ކުރުމުގެ ސިނާއަތުގައި އިންވެސްޓް ކުރަމުންދާ އިންޑިޔާގެ ކޭޕީ ސިންގ އާއި ދުނިޔޭގެ އެލްމެނިއަން އުފައްދާ އެންމެ ބޮޑު ޚާރުޚާނާގެ ވެރިޔާ ރަޝިޔާގެ އޯލްގް ޑެރިޕާސްކާ އާއި ޖަރުމަނު ވިލާތުގެ ކާލް އަލްބްރެޗް ފަދަ ފައިސާ އޮހެމުންދާ މީހުންގެ ހިތްވެސް އޮންނާނީ ފުރިފައެވެ. އަދި މިއަދު އެފަދަ ބިލިއަނަރުން ތިބޭނީ އެމީހުންގެ އަރާމު ދާންމަތީގައި ދެކޮޅަށް ދެކަންނެޔޮ ލައިގެން ފައިން އޮޑީގެ ހުންގާނު ހިފާލަހިފާލައެވެ. މިދެންނި ދިހަ ފަރާތުގެ އެވްރެޖް މިލްކިއްޔާތަކީ މީހެއްގެ މައްޗަށް 42 ދެ ބިލިއަން ޑޮލަރެވެ އެހެންނަމަވެސް ފައިސާ މަދުވެގެން ހިތްނުރުފިގެން އަދިވެސް ހޯދަނީ އެވެ. ނުވިތާކަށް މިވެނި އަހަރަކު މިވެނި ވަރެއްގެ ގެއްލުމެއް ވެއްޖެއޭ ކިޔާ މުޅި ދުނިޔެއަށް އިއުލާންވެސް ކުރަމުން ގެންދަނީއެވެ. ތެދެކެވެ އިންސާނުންގެ ހިތަކީ ދުވަހަކުވެސް ފުރޭނެ އެއްޗެއް ނޫނެވެ. އުމަރު އައްޔާރުގެ ސުންބުއްޔަށް ވުރެވެސް ހާލު ބޮޑުވާނެއެވެ.
ބުނަން މިއުޅޭ ވާހަކައަކީ ދުނިޔޭގެ ބޮޑަތި މަހުޖަނުންގެ ވާހަކައެއް ނޫނެވެ. އެހެންނަމަވެސް އަޅުގަނޑުމެންގެ މިލޮބުވެތި ގައުމުގެ އިގްތިޞާދާއި އާއްމު ދިރިއުޅުމުގެ ހާލަތާއި ފުދުން ތެރިކަމުގެ ހާލަތުގައި ގައުމު ފެތި ގެނބެމުންދާ އިރު ގައުމު ނަގަހެއްޓުމަށް އަތް ގުޅާލަންވީ ވަގުތު، އެބަޔަކަށް ގައުމު އެންމެ ބޭނުންވެފައިވާ ވަގުތު، މުޖުތަމައުގެ މަސްލަހަތައް ނުބަލާ ތިމާގެ އަމިއްލަ މަސްލަހަތައްޓަކައި މަދަނީ ބަސްނޭހުމުގެ ރޯގާއަށް ތިމާ ޖާމީނުވެގަންނަ ވާހަކައެވެ. މާއްދީގޮތުންނާއި ދުނިޔަވީގޮތުން ގައުމު ކުރިއަށް ގެންދަން ތިބި ބައެއް ފަރާތްތައް ނަފްސާނީ ޝިކާރައަކަށްވެ ގާފިލް ވަމުންދާވަހަކެވެ. ފަރުދީ ވާޖިބް ހަނދާނެތި ތިމާގެ އަމިއްލަ ވަގުތީ ފައިދާ އިސްކުރެވޭ ވާހަކައެވެ. ތިމާއަޅާ ކޮންމެ ފިޔަވަޅަކުން ގައުމަށް އެކަމުގެ އެދެވޭ އަސަރާއި ނޭދެވޭ އަސަރު ކުރާނެ ވާހަކައެވެ. އިހްތިޖާޖް ކުރަމީހުންނޫނަސް ވަޒީފާއާއި އާމްދަނީ ނުލިބޭ އެތައް ބައެއް އުޅޭ ވާހަކައެވެ. މިއަދުގެ ގައުމުގެ ދަރިންނާމެދު ގައުމު ލަދުގަންނަމުންދާ ވާހަކައެވެ. ހުރިހާ އެންމެން އިހްތިޖާޖް ކުރަންވެއްޖެނަމަ ގައުމަށް ކުރިއެރުން ނުލިބޭނެ ވަހަކައެވެ. މި ދިވެހިރާއްޖެ އާއި ރާއްޖޭގެ އިޖްތިމާއީ ރޫހް ހަލާކުވިޔަދުނީ ގައުމު ސަލާމަތްކުރުމަށް އަތްގުޅާލަންވީ ވާހަކައެވެ.
އަޅުގަނޑުމެން ގައުމުގެ ހާލަތު ފުންވަޅުގަނޑެއްގައި ވަނިކޮށް ސަރުކާރު މުވައްޒަފުންގެ ޝަކުވާއަކީ ސަރުކާރުގެ މުސާރަތައް ކުޑަކަމުގެ ވާހަކައެވެ. އަމިއްލަ ކުންފުނިތަކަށްވުރެ މުސާރަ ކުޑަވެ، ލިބޭ އެއްޗަކުން ނުފުދޭ ވާހަކައެވެ. ހަގީގަތެކެވެ. މުސާރައާއި އެލަވަންސް ކުޑައެވެ. އެހެންނަމަވެސް ގަބޫލުކުރަން ޖެހޭ ހަގީގަތަކީ މުސާރަޔާ އެލަވަންސް ކުޑަވިޔަސް ބޮޑުއެއްޗެއްވެސް ދެވޭނީ އަތުގައި އެއްޗެއް އޮވެގެންނެވެ. ދައުލަތުގެ މާލިއްޔަތަކު އެފެންވަރު ނެތްކަން ގައިމެވެ. މިގައުމަށް ލިބުނު ފައިސާއެކޭ ހުދުކާފޫރޭ އެއްގޮތެވެ. އަލަމާރިއަށް ލާފައި އަނެއް ދުވަހު ބަލައިލާ އިރު އެކައްޗެއްވެސް ނޯވެއެވެ.
އެފަދަ ދަށުގައި ދައުލަތުގެ ޚަޒާނާ އޮތްއިރު ގައުމުގެ އިގްތިޞާދު މަޑުޖައްސުވާލައިފައި ނަމަވެސް މުވައްޒަފުންގެ ޝަކުވާ އަޑުއަހާ މުސާރައަށް ހެޔޮބަދަލެއް ގެނެސްފިއެވެ. މިދެންނެވި ބަދަލުތައް ގެނެސްފައިވަނީ ކުރީގެ ސަރުކާރުގެ ކަންތައްތަކާ ޚިލާފަށް އޮނިގަނޑެއް ތެރެއިން ވަކި އުސޫލެއްގެ މަތިންނެވެ. އަމިއްލަ ކުންފުނިތަކުގައި އުޅޭ މީހުންނަށް ލިބޭ އާމްދަނީއަށް ވުރެ މިހާރު ޔަގީނުންވެސް ރަނގަޅެވެ. އެކަމު އެގޮތްވެސް ކަމަކު ނުދިޔައެވެ. އެއްކަލަ ހިތެއް ނުފުރުނެވެ. އެކަމަު ހަދަންވީ ގޮތެއްވެސް ބުނެއެއް ނުދެވެއެވެ. ބޮޑާހޭކުމާއި މަދަނީ ބަސްނޭހުމުގައި ގައުމު އޮޔާލަން މަސައްކަތް ކުރެވެނީއެވެ. ކަންކަން ވާހަކަދައްކައިގެން ހައްލު ކުރުމަށް ފުރުބަތު ދިނުމުގެ ބަދަލުގައި އަމިއްލަ ފަރުދީ އިމްތިޔާޒު ކުރިއަށް ނެރެވެނީއެވެ.
ގައުމުގެ ދަރިންނެވެ. ގައުމުގެ ކަންކަން އިސްލާހީ މަގަށް އެޅުވުމަށް ކުރެވެމުންދާ މަސައްކަތުގައި ހިސާބެއްގެ ކޮށިކަމެއް ހުރުމަކީ އެންމެ އެކަށިގެންވާ ކަމަކެވެ. އެހެނީ ބައެއްގެ އިހުމާލުން ކަމުގައިވިއަސް ނުވިއަސް ކުރިން މިގައުމުގެ އިދާރީ ހިންގުމުގެ އޮނިގަނޑުގައި އޮތީ އެމީހަކު ބޭނުން ގޮތަކަށް ކުރިއަށް ގެންދިއުމަށް ބައްޓަން ކުރެވިފައެވެ. އަމިއްލަ ބާލީހަށް ބަންޑާރަ ކަފަ އަޅާގޮތަށެވެ. މުސާރަތަކާއި އިނާޔަތްތައް ދެވިފައި ހުރީ މީހާގެ ކުލަޔަށާއި ސިފައަށް ނުވަތަ މީހާގެ ހައިބަތައް ބަލައިގެންނެވެ. ހަކުރު ދެންނާ ބޮޑުބޭބެ އުސޫލުންނެވެ. އެއްވެސް އުސޫލެއް ހަމައެއް ނެތެވެ. ގައުމަށް ލިބޭ އާމްދަނީ ހިތުހުރި ގޮތަކަށް ބޭނުން ކުރުމުގެ ސަގާފަތެއް އަށަގަންނުވާފައެވެ. މިހިރިމިހިރި ކަންކަމަކީ މިގައުމުގެ ރައްޔިތުންނަށް ވަންހަނާވެފައިވާ ކަންކަމެއް ނޫނެވެ. މިފަދަ ހާލަތެއްގައި ގައުމުވަނިކޮށް އޮބައި ބާއްވައިގެން ގާނޫނު އަސާސީ އިސްލާހު ކުރުމަށްފަހު 30 އަހަރުގެ ސަރުކާރު މާޒީއަށް ދޫކޮށް ދިޔައިރު އޮތީ އެހެންބަޔަކު އައިސް ވޮށުފިލައި އަޅާގެން ކިޔަވަދީފާނެކަމަށް ވެލި ދޮލަނގުވެސް ބަންޑުންޖަހާފައެވެ.
ގައުމަށް ކަމެއް ތައާރަފް ކުރަން ބޭނުންނަމަ އަލުން މިޖެހެނީ ދޮލަނގަށް ވެލިއަޅާއިގެން ވޮށުފިޅާ އަޅާދޭށެވެ. އަލުން ބަލުން އޮނިގަނޑުތައް ރާވާ ހަމަޖައްސާށެވެ. މުސާރައާއި އިނާޔަތްތައް މުތާލިއާކޮށް މުރާޖައާ ކުރާށެވެ. މަގާމުތަކަކީ ކޮބައިކަމާ މުސާރައަކީ ކޮބައިކަން މިޖެހެނީ ދެނެގަންނާށެވެ. މިހުރިހާކަމެއް ހަމަޖައްސަމުން ގެންދާއިރު ގައުމުގެ މާލިއްޔަތުގައި ހުރި ވަރެއްވެސް ދެނެގަންނަން ޖެހެއެވެ. މިހާރުވެސް އުޅެން މިޖެހެނީ ނުފޯރާފޮތިން ފޫގަޅައިގެންކަން ދަންނަން ޖެހެއެވެ.
ގައުމަށް ހެޔޮބަދަލު ގެނެވުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅުގައި ހަމަ އެކައްޗެކޭވެސް ހިތައްނާރާ ގައުމީ ވާޖިބާއި ފަރުދީ ވާޖިބު ހަނދާން ނައްތާލާފައި ހިތާދެކޮޅަށްނަމަވެސް ނިމިދިޔަ ސަރުކާރަށްވުރެ ހާލުބޮޑޭ ކިޔާ އަދި މީކަމުދާކޮތެއް ނޫނޭ ބުނެ، ހުކުރު ދުވަހު ހުރިހާ މުދިމުންނާ ޤުރުއާން ކިވައިދޭ މީހުން ހަޅުތާލުކޮށް މަދަނީ ބަސްނޭހުން ފަށަންވީހެއްޔެވެ. މަށަށް މަގޭދަރި ނުކިޔެވިއަސް ހެޔޮވެގެންނެވެ. ހޮނިހިރު ދުވަހު ހުރިހާ މަސްވެރިންނާއި ދަނޑުވެރިން މަސައްކަތައް ނިކުތުން މަނާވެގަންނަން ވީއެވެ. ލައިގެން ކާނެ އެއްޗެހި ހިފައިގެސް ސަރުކާރުން އަންނާނެ ބުނެފައެވެ. އާދީއްތައިންފެށިގެން ކިޔަވާދިނުމުގެ ދާއިރާ ބަންދު ކުރަންވީއެވެ. އެކަމަކު ތިމަންނާމެންމީ ގައުމުގެ ދަރިން ބިނާކުރާމީހުންނޭ ބުނަމުންނެވެ. ހޯމައިން ފެށިގެން ޓުވަރިޒަމް ދާއިރާ ހަޅުތާލު ކުރަންފަށަންވީއެވެ. ޓުވަރިޒަމްގެ ރަންބިސް މަމެން ނުނިކުތަކަސް ރައީސް އޮފީހާ ދިމާލަށް ލައްގާނެއޭ ގޮވަމުންނެވެ.
އަންގާރަދުވަހު ދުވަހު ސިއްހީދާއިރާއަށް ކުއްލި ޝޮކެއް އަމިއްލައަށް ލިބި ބަލި އެނދުގައި އެޑްމިޓްވެގެން ތިބެންވީއެވެ. ބައްޔަކީ އަމިއްލައަށް ރައްކާތެރިވެގަނެވޭނޭ ކަމެކޭ ކިޔާފައެވެ. ބުދަ ދުވަހުން ފެށިގެން ސަލާމަތީ އިދާރާތަކުގެ މީހުން އެމީހުންނަކަށްވެސް ސަލާމަތެއް ނެތޭބުނެ އިހްތިޖާޖް ކުރަންފަށަންވީއެވެ. ބުރާސްފަތި ދުވަހުން ފެށިގެން އަމިއްލަ ކުންފުނި ތަކުގައި މަސައްކަތްކުރާ އެންމެން ސަރުކާރު މުވައްޒިފުންގެ މުސާރަތައް މާބޮޑޭ ކިޔަފައި ގޭގައި މަޑުކުރަން ވީއެވެ. ދެންވެސް ބުނަންވީ މަގޭގައުމު މަގޭ ރާއްޖެ ހެއްޔެވެ. ނޫނީ މި ލޮބުވެތި ވަޠަން މިނިވަންކަންމަތީ އަބަދައްހެއްޔެވެ. އިހްތިޖާޖް ކުރުމަކީވެސް އޮންނަ ކަމެކެވެ. އެހެން ނަމަވެސް ކަންކަން ކުރަންވާނީ ދެކޮޅު ބަލައިއެވެ. ތިމާނޫން އެހެން ފަރުދުންވެސް މިގައުމުގައިވެސް އުޅޭނެކަމަށް ބަލައިގެންނެވެ. މިހާރު ތިޔަ އިހްތިޖާޖް ކުރާ ފަރާތްތަކަށް ލިބޭ މިންވަރު ކީއްކުރަން އެއްވެސް އެއްޗެއް ވަޒިފާއެއް ނުލިބޭ އެތައް ފަރުދުންނެއްވެސް އުޅެމުންދާކަން ދެނެގަންނަންވާނެއެވެ. ދުނިޔޭގައި އުޅެނީ ތިމާއެކަނި ކަމަށް ބަލައިގެންވެސް ނުވާނެއެވެ. އަނެކުންގެ އިހްސާސްތަކަށް ވެސް އިޙްރާމް ކުރަންވާނެވެ. މަތިން ދަމުން ކާޅެއް ގޮވާލިއަސް އަދި ދަރުފުނި ނަގާކަށް ނުވާނެއެވެ. އިންސާނުންނައްވިތީ ކެއްތެރިވާންވެސް ވާނެއެވެ. ހިތް ނުރުހޭ ކޮންމެ ފަހަރަކު އިހްތިޖާޖު ކުރަންވެއްޖެނަމަ ތިމާގެ ނަފްސް ތިމާގެ މައްޗަށް އިހްތިޖާޖް ކުރަން ފަށާފާނެއެވެ.
ކަނލާގެސަފުން ބަދަލު ނުކުރައްވަތޭ ގައުމެއްގެ ޙާލާތެއް،
ނުވާނަމަ ގައުމުގައި ކަންތައް ބަދަލު ކުރުމުގެ ޚިޔާލާތެއް.
1 comment:
aharemen dhivehin dhas kuran vejje libey min varah shukuru koggen ulhen.
abadhuves mi dhakkanee nuvaa kanthah thakuge vaahaka, nulibey eachiheege vaahaka.
Totally agree with you
Post a Comment