Saturday, November 23, 2013

STO bangurootu vikan Raess Yamin iulaan kuree keevve??




އެސްޓީއޯ ބަންގުރޫޓް ވެފައިވާކަން ރައީސް ޔާމިން އިޢުލާން ކުރީ ކީއްވެ؟
ޠައްޔިބް ޝަހީމް/ 23 ނޮވެމްބަރ 2013

-         އެސްޓީއޯއަށް ދައުލަތުން ބިލިއަން ރުފިޔާ ލިބެންޖެހޭ.
-         އެސްޓީއޯއަށް ގުޅިފައިވާ ލީޑަރުން މިލިއަނުން ފައިސާ ދައްކަން އެބަހުރި.
-         އެސްޓީއޯއާއި ގުޅޭ ކޮރަޕްޝަން މައްސަލަތައް ވަނީ ނައްތާލާފައި.

ޒަމާންތަކެއް ވަންދެން ދައުލަތުގެ ކުންފުޏެއްގެ ގޮތުގައި ހިންގަމުން ގެންދިޔަ އެސްޓީއޯގެ ވިޔަފާރި އެކި ރޮނގުތަކުން ފުޅާ ކުރުމަށްޓަކައި ރައްޔިތުންނަށް ހިއްސާ ވިއްކާ ރައްޔިތުންގެ ފައިސާ ހިމެނޭ ގޮތަށް ތަރައްޤީކޮށް ހިންގަން ފެށިއެވެ. ޒަމާނީ ވިޔަފާރި ތެރެއަށް އެސްޓީއޯ ވަނުމާއެކުވެސް ރައްޔިތުންގެ އަސާސީ ޚިދުމަތްތަކުގެ ބައެއް މުދާތައް ސަރުކާރުގެ އެދުމުގެ މަތިން ފޯރުކޮށްދިނުމުގެ މަސައްކަތްވެސް ދިއައީ ކުރެވެމުންނެވެ.  

ދައުލަތާއި ރައްޔިތުންގެ އެތައް ފައިސާއެއް ހިމަނާއިގެން އެސްޓީއޯއިން ޒަމާނާއެއްގޮތަށް ވިޔަފާރި ކުރަން ފަށާފައިވަނީ ވިޔަފާރީގެ ދާއިރާގައި ހަރަކާތްތެރިވާ އެހެން ކުންފުނިތަކަށް ވުރެ ކުރީގައި އޮވެގެންނެވެ. ދައުލަތުގެ ފަރާތުން ލިބޭ އެހީތެރިކަމާއި އެއްބާރު ލުމާއެކު ބިމުގެ ގޮތުންވެސް އެންމެ ތަނަވަސް ކުންފުނީގެ ގޮތުގައި އޮވެގެންނެވެ. މާބޮޑު ދަތިތަކެއް، ހުރަސްތަކެއް ކުރިމަތި ވުމެއް ނެތިއެވެ.

ރައީސް މައުމޫނުގެ ދުވަސްވަރުގައި ސަރުކާރާއި ދައުލަތުގައި އެނބުރެމުންދިޔަ ފައިސާގެ ބޮޑުބައެއް ދައުރުވަމުން ގޮސްފައިވަނީ އެސްޓީއޯގެ ތެރެއިން ކަމީ ދެބަސް ވެވެންނެތް ހަޤީޤަތެކެވެ. ހަމަ މިއާއިއެކު އެންމެ ކުރީ ޒަމާނުއްސުރެ ފަށައިގެން އެސްޓީއޯގެ ތެރޭގައި ބޮޑެތި ކޮރަޕްޝަން އުޅޭ ވާހަކައާއި އެތާނގަ ނުފޫޒުގަދަ މީހުންގެ މުއްސަނދިކަމާއި އެސްޓީއޯގެ "ގާތް އެކުވެރިންގެ" ޖީބުތައް ބޮޑުވެ ތަނަވަސްވަމުން ދިއުމަކީ ސިއްރުން ހިނގާފައިވާ ކަންކަމަށްވުރެ ފާޅުކަން ބޮޑުކޮށް ހިނގާފައިވާ އެހެންނަމަވެސް ނުބެލިފައި ކުރިއަށް ނުގެންދެވިފައިވާ މައްސަލަތަކެއް ރައްޔިތުން ނެދެތިއްބެވެ.

ރައީސް މައުމޫނު ސަރުކާރު ނިމި ރައީސް ނަޝީދުގެ ސަރުކާރުގައިވެސް އެސްޓީއޯގެ ވިޔަފާރި ކުރިއަރުވާ ތަރައްޤީ ކުރުމަށް އިސްކަންދެވިފައިވެއެވެ. އަދި އެސްޓީއޯ މެދުވެރިކޮށް ބޮޑެތި ޕްރޮޖެކްޓްތައް ހިންގުމަށްފަށައިގަނެވި ވިޔަފާރީގެ މިސްރާބް ބަދަލު ކުރަންފެށުނެވެ. ހަމަ އެއާއިއެކު ދައުލަތުގެ ފައިސާގެ ކަންކަން ހަމަޖެއްސުމުގައިވެސް އެސްޓީއޯގެ އެހީތެރިކަން ދިޔައީ ހޯދަމުންނެވެ.

ރައީސް ނަޝީދުގެ ސަރުކާރުގައި އެސްޓީއޯއާއި ގުޅިގެން ހިނގާފައިވާ ބައެއް ބޮޑެތި ވިޔަފާރި ޚިޔާނާތުގެ މައްސަލަތައް ބަލަންފެށި އެމައްސަލަތައް ހިނގާފައިވާ ގޮތުގެ ކުރިއެރުންވެސް ދިޔައީ ފެންނަމުންނެވެ. ޚާއްޞަކޮށް މަޝްހޫރު 800 މިލިއަން ޑޮލަރުގެ ވަގުވިޔަފާރީގެ މައްސަލަތައްފަދަ ބޮޑެތި އަޑިނޭނގޭ ކަންކަން ވަނީ ހާމަވެ ތަޙްޤީޤް ކުރަން ފެށިފައެވެ.

އެސްޓީއޯ އާއި އެތަނާ ގުޅިފައިވާ ވިޔަފާރީގެ ތަޙްޤީޤްތައް ހިނގަންފެށިތާ މާގިނަދުވަހެއް ނުވެ ރައީސް ނަޝީދު ސަރުކާރު ވައްޓާލުމަށް އަޒުމް ކަނޑައަޅާއިގެން ބަޔަކު މަގުމައްޗަށް ނުކުމެ އަޑު އުފުލަން ފެށިއެވެ. އަސްލެއްނެތް އެތައް ވާހަކަތަކެއް އާއްމު ރައްޔިތުންނަށް ޤަބޫލު ކުރެވޭ މިންވަރަށް ދިއައީ ދައްކާ ގޮވަމުންނެވެ. ނަތީޖާއަކީ ރައީސް ނަޝީދުގެ ސަރުކާރުގެ ސިޔާސަތުތަކާއި މެދު ހޭލުންތެރި ކަމެއްނެތި، ރައްޔިތުނަށް ނޭނގި ނަމަވެސް ދެކޮޅު ހެދެވި ބަޔަކު ދައްކަމުން ހަޤީޤަތެއް އެކުލެވިގެން ނުވާ ވާހަކަތައް އަޑުއަހާ ރައީސް ނަޝީދު އާއި މެދު ނަފްރަތު ކުރެވެން ފެށުމަކަށް ވިއެވެ. ވަކި ހިސާބަކުން ފިތުނައިގެ އަލިފާންގަނޑުގެ ހުޅު ފަޅައިގެންގޮސް ޤާނޫނީ ގޮތުން ރައްޔިތުން އިންތިހާބް ކޮށްފައިވާ ސަރުކާރު ބައެއް ވިޔަފާރި ވެރިންނާއި ފުލުހުންނާއި ސިފައިންގެ އެހީތެރިކަމާއެކު ގުޅިފައިވާ ސިޔާސީ ލީޑަރުންވެގެން ވައްޓާލިއެވެ.

ރައީސް ނަޝީދުގެ ސަރުކާރު ވައްޓާލުމަށްފަހު ވެރިކަމާ ހަވާލުވީ ރައީސް ނަޝީދުގެ ނައިބް ޑރ. ވަހީދުއާއި ގުޅިފައިވާ ސިޔާސީ ލީޑަރުން ތަކެކެވެ. ބަޣާވާތަކުން ވެރިކަން ބަދަލު ކުރެވުމާއި ގުޅިގެން ރާއްޖޭގެ އިޤްތިޞާދު ހީނަރުވެ، ވެރިކަން ވައްޓާލި ފަރާތްކަށް ބައި އަޅަންޖެހުމުގެ ނަތީޖާއަކަށްވީ ދުވަހެއް ދުވަހަކަށް ދައުލަތުގެ މާލިއްޔާ ހުސްވެ، ސަރުކާރުގެ ކުންފުނި ތަކުގެ ފައިސާ ބޭނުން ކުރަން ފެށުމެވެ. މިކަމުގެ އެންމެ ބޮޑު އަސަރެއް ކޮށްފައިވަނީ ސަރުކާރާއި ރައްޔިތުންގެ މައި ކުންފުނި އެސްޓީއޯ އަށެވެ.

އެސްޓީއޯ އަކީ މާލީ ގޮތުން އެންމެ މުއްސަނދި ކުންފުނި ކަމަށްވުމާ ވަޞީލަތާއި ތަކެތީގެ ގޮތުންވެސް އެންމެ މުއްސަނދި ކުންފުނި ކަމަށްވުމުން ސަރުކާރުގެ ވަރަށް ގިނަ ކަންކަން ދިޔައީ އެސްޓީއޯއަށް ބަރޯސާ ކުރަމުންނެވެ. އަދި ހަމަ އެއާއި އެކު ރައީސް ނަޝީދު ސަރުކާރު ދުވަސްވަރު ހިންގަމުން ގެންދިޔަ އެސްޓީއޯ އާއި ގުޅުންހުރި ކޮރަޕްޝަން ތަޙްޤީޤްތައް ހުއްޓުވައި، އެސްޓީއޯގެ ފައިސާ ހޯދުމަށް ކޯޓް ތަކުގައި ހުރި ބޮޑަތި ބައެއް މައްސަލަތައް ކުރިއަށް ނުގެންގޮސް ވަނީ ހުއްޓާލާފައެވެ. މިކަމުގެ ނަތީޖާއަކީ އެސްޓީއޯގެ ރިހޭ ފައިމައްޗަށް ފޮއިވެއްޓުމަކަށެވެ. ސަރުކާރު ދިރުވުމަށް އެސްޓީއޯ އިން ކުރަމުންދިޔަ މަސައްކަތަށް އުޖޫރަ ނުލިބުނު ތާނގާ ލިބެން އޮތް ފައިސާތައްވެސް ހުއްޓި އެސްޓީއޯގެ ހާލު ދުވަހެއް ދުވަހަކަށް ދަށަށް ދިއުމެވެ.

ބަޣާވާތުގެ ސަރުކާރު ދެމެހެއްޓުމަށް އެސްޓީއޯ ކަންބަޅިއެއް ފަދައިން ބާއްވާ ކަތިލަމުން ދިޔައެވެ. ގުޅިފައިވާ ސިޔާސީ ލީޑަރުންނަށް ދަރަށްޏަށް ފައިސާ އާއި މުދާ ދޫކޮށްކޮށް އެސްޓީއޯ ކަފާސްވިއެވެ. އެތަކެތީގެ އަގު ނުލިބުނު ދަނޑިވަޅު ރިޔާސީ އިންތިޙާބަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ މަންފާއަށް ސަރުކާރަށާއި އެ ކެންޑިޑޭޓުންނަށް އެހީތައް ފޯރުކޮށް ދިނުމަށް އެސްޓީއޯގައި އޮބިއަޅައި "ލެޔަށް" ދަންދެންވެސް ވަނީ ބާލާފައެވެ.

މި ހުރިހާ ކަމަކާއެކު ބަޣާވާތުގެ ވެރިކަން ނިމުނު އިރުވެސް ދައުލަތުން އެސްޓީއޯއަށް ދައްކަން ހުރި ފައިސާތައް ނުދެއްކުމުގެ ނަތީޖާއަކީ އެސްޓީއޯގެ ފަރާތުން އާއްމު ރައްޔިތުންނަށް ދެމުންގެންދިޔަ ބައެއް ޚިދުމަތްތަކަށް ބުރޫއަރާ ހޯހޯ ގޮވާލުމެވެ. ރައީސް ނަޝީދުގެ ވެރިކަމުގެ ދުވަސްވަރު ކޮޅަށް ހުރި ރޫފަ ރަނގަޅު އެސްޓީއޯ ބާޣާވާތުގެ ސަރުކާރާއި ގުޅިފައިވާ ސިޔާސީ ލީޑަރުން ވެގެން ލޭ ދަމާލައި އިނދަޖައްސާލާ ނިކަމެތި ކޮށްލީއެވެ.

މިހުރިހާ ކަމަށްފަހު މިއަދު އިޤްތިޞާދީ މާހިރެއް ކަމުގައިވާ އަޑު ބާރުވެފައިވާ ޔާމީން ރައީސް ކަމާއި ހަވާލުވެ ދެވަނައަށްވީ ދުވަހު އެސްޓީއޯގެ އެމްޑީ މަޤާމުން ވަކިކޮށް އެވެރިކަމުގެ ފުރަތަމަ ހަ ދުވަހުގެ ތެރޭގައި އެސްޓީއޯ ބަނގުރޫޓް ވެފައިވާ ކަމަށް އިއުލާން ކުރުމުގެ ހަޤީޤީ ސިއްރަކީ ކޮބާބާވައޭ މިއަދު ހިތައް އަރައެވެ. ސަރުކާރުން އެސްޓީއޯއަށް ދައްކަންޖެހޭ ފައިސާގެ އަދަދު ބިލިއަނުން ނުދައްކާ ހުރި އިރު އެފައިސާ ނުދައްކާ ރައްޔިތުންނާއި ސަރުކާރުގެ ބޮޑު ކުންފުނި އެސްޓީއޯ ބޭކްރަޕްސީ އިއުލާން ކުރުމުގައި ފޮރުވިފައިވަނީ ކޮން ކަމެއް ބާވައެވެ. ގުޅީގައިވާ ސިޔާސީ ލީޑަރުންގެ ފައިކޭޓަށް އެސްޓީއޯ ވެފައިވާއިރު އެފަރާތްތަކުން އެސްޓީއޯއަށް ދައްކަން ހުރި ފައިސާ އަނބުރާ ހޯދުމަށް ނުވަތަ އަތުލުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި މިހެއްދެވީ ކިހިނެއް ބާވައެވެ. މިހުރިހާ ކަމެއްގެ ފަހަތުގައި ޔަޤީނުންވެސް ފޮރވިފައިވާ ހިކުމަތަކާއި ފާޅުކުރަން ޖެހިލުންވާނެ ސިއްރެއް އޮންނާނެ ކަން ގައިމެވެ.

Heyanbo 800 vana Programnge Report




ހޭޔަންބޯ އަހަރީ ހަނދާން (800 ވަނަ ޕްރޮގްރާމް)
ރިޕޯޓް ލިޔުނީ: ޠައްޔިބް ޝަހީމް



ހޭޔަންބޯ ޝޯ އަކީ ޓީވީ މަޖައްލާއެއްގެ އެއްގެ ގޮތުގައި ކުރީގެ ޓީވީ މޯލްޑިވްސް އިން 1994 ވަނަ އަހަރު ފަށައިފައިވާ ޕްރޮގްރާމެއް. އޭރުގެ ޓީވީ މޯލްޑިވްސްގައި މަސައްކަތް ކުރައްވަމުން ގެންދެވި ސީނިއަރ ކެމެރާމަން ޙަސަން މަޢުމޫންގެ އަމިއްލަ ޚިޔާލެއްގެ މަށްޗަށް ބިނާކޮށް ތައްޔާރު ކޮށްފައިވާ މި ކޮންސެޕްޓްއަކީ ޕްރޮގްރާމެއްގެ ސިފައިގާ އަލަށް ރާއްޖެއަށް ތައާރަފް ކުރެވުނު މުޅިން އާ ޝޯއެއް. ޚަބަރާއި މައުލޫމާތުން ފުރިގެންވާ މި ޕްރޮގްރާމްގައި ތަފާތު އެތަކެއް ބައިތައް ނުވަތަ ސެގްމަންޓްތައް އެކުލެވިގެންވޭ. ދީނީ ދަރުސްތަކާއި ނަސޭޙަތްތަކާއި ޢާއްމު މަޢުލޫމާތާއި އިނާމް ލިބޭ އެކިއެކި މަސައްކަތްތަކުގެ އިތުރުން މުނިފޫހި ފިލުވުމުގެ އެތައް ބައިތަކެއް މި ޕްރޮގްރާމްގެ ޒަރީއާއިން އާއްމުންނަށް ވަނީ ހުށަހަޅައިދެވިފައި.  

ޙަސަން މައުމޫނުގެ މާލިމީ ކަމުގައި 1994 ވަނަ އަހަރު ހޭޔަންބޯ ފެށި މިދަތުގައި މިހާތަނަށް އައިއިރު ޕްރޮގްރާމް އުފެއްދުމުގައި މުޅިންވެސް ޙަރަކާތްތެރިވެފައި ވަނީ އެމްއެންބީސީ ވަންގެ ޓެކްނިކަލް ޕޫލްގެ ޓެކްނީޝަނުންނާއި ކެމެރާމަނުންނޭ ދަންނަވާ ލުމަކުން ޕްރޮގްރާމް ޕްރޮޑިއުސަރުންނަށް ގޮންޖަހާލެވުނީ ކަމަކަށް ނުވާނެ. އަދި ހަމައެހެންމެ ހޭޔަނބޯ ފޮނުވަން ފެށީއްސު މިހާތަނަށް ޕްރޮގްރާމް އުފައްދާ ޓީމުގައި މަސައްކަތް ކުރެއްވި ފަރާތް މުޙައްމަދު ރަޝީދު އިސްކޮށް ހުންނަވައިގެން ހޭޔަނބޯ އުފައްދަމުން ގެންދަވާ ކަމީވެސް މިޕްރޮގްރާމް ލިބޭ ކުރިއެރުމެއް ކަމުގައި ނޫނީ ނުވާނެ. އަދި މީގެ އިތުރުން އެމްއެންބީސީ ވަންގެ ޓެކްނިކަލްޕޫލްގެ ހުރިހާ މުވައްޒަފުންނާއި ކުންފުޏާއި ސްޓޭޝަންގެ އިސްވެރިންގެ ފަރާތުން ލިބޭ އެހީތެރިކަމާ ދެއްވާ އެއްބާރުލުމަކީ މި ޕްރޮގްރާމް މިހާ ކާމިޔާބް ކަމާއެކު އާއްމުންނާއި ހަމައަށް ގެނެސްދެވިފައިވާ އެންމެބޮޑު އެއްދަލީލު ކަމާއިމެދު ޝައްކެއްނެތް. އެހެންކަމުން ސޯޅަ އަހަރު ފުރި ސަތާރަ އަހަރު ފުރެން ކައިރިވެފައިވާއިރު، އަދާ ހަމައަށްވެސް ޕްރޮގްރާމާއި ދޭތެރޭ ބަހައްޓަވާ ގާތްކަމަށްޓަކައި ކުންފުނީގެ ވެރިންނަށާއި ސްޓޭޝަންގެ ވެރިންނަށް ޕްރޮގްރާމްގެ ނަމުގައި ޝުކުރު ދެންނެވުމަކީ އަޅުގަނޑުމެންގެ އުފަލެއް ކަމުގައި ދެކެން.

މިޕްރޮގްރާމަށް ލިބިފައިވާ ޚާއްޞަ ސިފަރަތުގެ ތެރެއިން ފަހަގަ ކޮށްލެވޭ ޚާއްޞަ ކަމެއްގެ ގޮތުގައި ބެލުންތެރިން ފާހަގަ ކުރާ އެހެންކަމެވެސް އޮވޭ. އެގޮތުން ޕްރޮގްރާމްގެ ލޯގޯ އަށް ބައެއް ކުދިކުދި ފަރުމާ ކުރުން އިތުރުވިއެއް ކަމަކު ޕްރޮގްރާމްގެ ތީމް އަޑަށް ބަދަލެއް އައިސްފައި ނުވާކަމަކީވެސް މިޕްރޮގްރާމަށް ލިބިފައިވާ ޚާއްޞަ ސިފައެއް ކަމުގައި ބެލުންތެރިންގެންދަނީ ފާހަގަ ކުރަމުން. އަދި ހަމައެއާއި އެކު ޒަމާންވީ ސެޓްތައް ދޫކޮށް މިޒަމާނުގެ ފަހުގެ ސެޓްތަކުގައި ޕްރޮގްރާމް ހުށަހަޅައިދެވުމާއި މާލެއާއި ރާއްޖޭގެ އެހެން ހިސާބްތަކުގައި ޕްރޮގްރާމް ގެނެސްދެވުމުގެ އިތުރުން ރާއްޖެއިން ބޭރު ޤައުމުޔ ތަކުގައިވެސް މި ޕްރޮގްރާމް ވަނީ ގެނެސްދެވިފައި. އަދި ހަމަ އެއާއިއެކު ޕްރޮގްރާމަށް އަންނަމުންދާ ބަދަލުތަކަކީ އެދުވަހަކަށް ފެތޭގޮތަށް ބަދަލުތަކާއެކު ގެނެވޭ ޕްރޮގްރާމަކަށްވެފައި މި ޕްރޮގްރާމަކީ ރާއްޖޭގެ ނަމޫނާ ޕްރޮގޮރާމެއް ކަމުގައިވެސް ބެލުންތެރިން ވަނީ ބަލައިގެންފައި.  


މިހާރު ތިޔް ބައްލަވަމުންގެންދަވާ ހޭޔަންބޯ ނިމޭއިރު 800 ޕްރޮގްރާމް ދެއްކިފައިވާ މި ހޭޔަނބޯ ޝޯގެ މައިގަނޑު އެއް މަޤްޞަދަކީ ފަންނުވެރިންގެ ފަންނުވެރިކަން ކުރިއެރުވުމާއި ފަންނުވެރިކަން ދިރުވާ އާލާކުރުމާއި އެފަރާތްތަކަށް އިތުރު ހިތްވަރުދިނުން. ހަމައެހެންމެ ރާއްޖޭގައި އެކިއެކި ދާއިރާ ތަކުގެ ތަފާތު ޝަޙްޞިއްޔަތުތައް މިޕްރޮގްރާމްގެ ޒަރީއާއި އިން އާއްމުނާ ހިސާބަށް ވަނީ ތަޢާރަފް ކުރެވި ގެނެސްދެވިފަ. ރާއްޖެއަށް ރީތިން ހޯދާދީފައިވާ ފަރާތްތަކާއި ރާއްޖެއަށް އެކިއެކި ދާއިރާތަކުން ފައިދާހުރި އެތައް އެތައް މަސައްކަތްތަކެއް ކުރާ އަދި ކޮށްފައިވާ ފަރާތްތަކެއް ވަނީ ބެލުންތެރިންނަށް ގެނެސްދެވިފައި. ރާއްޖޭގެ ތަފާތު އެތައް ހުނަރުވެރިނެއްގެ މައުލޫމާތު ވަނީ މި ޕްރޮގްރާމްގެ ޒަރީއާއި އާއްމުންނަށް ފޯރުކޮށްދެވިފަ. މީގެ އިތުރުން ރާއްޖޭން ބޭރުގެ އެތައް މެހްމާނުންނަކާއި ޝަޙްޞިޔަތުތަކާއި ފަންނުވެރިންނެއްވެސް މިވަނީ ގެނެސްދެވިފަ.

ރާއްޖޭގެ މިޔުޒިކާއި ލަވައިގެ ދާއިރާއި މަސައްކަތް ކުރާ ގިނަ ފަރާތްތަކަކާއި އެނޫންވެސް އެކިއެކި ހުނަރުވެރިން ތަޢާރަފްކޮށްދެއްވި އެފަރާތްތަކަށް ފުރުޞަތު ހޯދައިދިނުމުގައި ހޭޔަންބޯ ޕްރޮގްރާމް މުހިއްމު ދައުރެއް އަދާކޮށްފައިވާނެ ކަމާމެދު ބެލުންތެރިން ޝައްކެއް ނުކުރާނެ.

ޚާއްޞަ ގޮތެއްގައި މި ފުރުޞަތުގައި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫން ޢަބްދުލް ޤައްޔޫމް އާއި ރާއްޖެގެ މިހާރުގެ ރައީސުލް ޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު، މި ޕްރޮގްރާމްގެ ޚާއްޞަ މެޙްމާނުންގެ ގޮތުގައި މީގެ ކުރީގައި ގެނެސްދެވިފައި ވުމަކީ މިޕްރޮގްރާމަށް ލިބިގެންދިޔަ ޚާއްޞަ އުފަލަކާއި ޝަރަފެއް.

އާއްމުންގެ މަޤްބޫލުކަން އިންތިހާއަށް ލިބިފައިވާ މި ޕްރޮގްރާމް ހުށަހަޅައި ދިނުމުގައި ރާއްޖޭގެ ފުންނާބު އުސް ޕްރެސެންޓަރުންނާއި ފަނުންވެރިން ތަކެއްގެ ބައިވެރިވުން ވަނީ ލިބިގެންގޮސްފައި. މީގެ އިތުރުން މިހާރުވެސް މި ޕޮރޮގްރާމް ހުށަހަޅަމުން ދާ ދެ ޕްރެސެންޓަރުންނަކީ މިވަގުތު ރާއްޖޭގައި ތިއްބެވި އެންމެ ކުޅަދާނަ ޕްރެޒެންޓަތުންގެ ތެރޭގައި ގުނާލެވޭ ދެ ޕްރެޒެންޓަރުންކަން ފަޚްރުވެރިކަމާއެކު ފާހަގަ ކޮށްލަން.

މިއަދު ހޭޔަންބޯ ޕްރޮގްރާމްގެ 800 ވަނަ ޕްރޮގްރާމް ކަޑަތުކޮށް ނިމިގެންދާއިރު މި ޕްރޮގްރާމަށް ވަނީ ގިނަ ފަރާތަކެއްގެ އެހީތެރިކަން ލިބިފަ. ރާއްޖޭގެ ބައެއް ވިޔާފާރި ކުންފުނިތަކުން އެކިފަހަރު މަތިން ސްޕޮންސަރ ކުރަމުންގެދި މި ޕްރޮގްރާމްގެ މިހާރު ސޮޕްންސަރ އަކީ ރާއްޖޭގެ މުވާޞަލާތީ އެންމެބޮޑު އެއް ކުންފުނިން ކަމުގައިވާ ދިވެހިރާއްޖޭގެ ގުޅުން ޕްރައިވެޓް ލިމިޓެޑް ދިރާގް ކަމުގައި ފާހަގަ ކޮށްލުމަކީ އެހެން ކުންފުނިތަކަށް ކުރެވޭ ބޭއިންސާފަކަށް ނުވާނެ ކަމުގައި ދެކެން. އަދި މިހާރު މިޕްރޮގްރާމް އަކީ ރާއްޖޭގައި ފޮނުވާ މިފަދަ ޕްރޮގްރާމް ތަކުގެ ތެރެއިން އެންމެ މަތީ އަގެއްގައި ސްޕޮންސަރޝިޕް ލިބިފައިވާ ޕްރޮގްރާމް ކަމުގައި ވެފައި ވުމަކީވެސް ހޭޔަނބޯއަށް ޙާއްޞަ ކަމެއް ކަމުގައި ނޫނީ ނުވާނެ.

ތިޔަބޭފުޅުންގެ އެކުވެރިއެއްގެ ގޮތުގައި މި ޕްރޮގްރާމް މިހާހިސާބަށް ދަތުރު ކުރެވުނުއިރު ޔިތަބޭފުޅުން ހިތަހަމަޖެހޭ ކަންތައްތަކެއް ގެނެސްދެވިފައިވާ ކަމުގެ އުފާ މިޕްރޮގްރާމް ލިބިގަންނަނީ ކުރިއަށް ދިއުމުގައިވެސް ތިޔަބޭފުޅުންގެ އެއްބާރުލުން މި ޕްރޮގްރާމަށް ލިބޭނެ ކަމުގެ އުއްމީދުގަ. އެހެން ކަމުން މިޕްރޮގްރާމްގެ ހުރިހާ އަހުލުވެރިންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ




ރިޕޯޓް ލިޔުނީ: ޠައްޔިބް ޝަހީމް


ތާރީޚް: 26 ޖޫން 2011