Friday, August 13, 2010

ޑީއާރުޕީގެ ތްރީލައިން ވިޕް އާއި ޚިލާފަށް ކޮމިޓީގައި ވޯޓް ދިނުމާއި ގުޅިގެން އަލީ ވަހީދު ކުޑަކަކޫ ޖައްސުވާލައިފި


ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާ ތަކާ ބެހޭ ކޮމިޓިގައި އިންނަވައިގެން ޑީއާރުޕީގެ ތްރީލައިން ވިޕް އާއި ޚިލާފަށް ފަނޑިޔާރުންގެ ބިލަށް ވޯޓް ދިނުމާއި ލީނާ ޒާހިރު ޙުސައިން ސިވިސް ސަރވިސް ކޮމިޝަނަށް ހޮވުމަށް، މަޖިލީހުގެ ކޮމިޓީގައި ވޯޓް ދިނުމާއި ގުޅިގެން ޑީއާރުޕީގެ ފަރާތުން އަލީ ވަހީދު ކުޑަކަކޫ ޖައްސުވާލައި މާފަށް އެދުމަށް މަޖުބޫރު ކުރުވައިފި އެވެ. އަދި އަލީވަހީދުއަށް ޑީއާރުޕީގެ ފަރާތުން އައި ފިއްތުންތަކާއި ފުރައްސާރަ ތަކުގެ ސަބަބުން އަލީ ވަހީދުވަނީ މާފަށް އެދި ދުވަހަކުވެސް ތްރީ ލައިންވިޕާ ޚިލާފް ނުވާނެ ކަމުގެ ޔަޤީންކަން ޑީއާރުޕީއަށް ދީފައެވެ.


މައުލޫމާތު ލިބިފައިވާ ގޮތުގައި އަލީވަހީދު ޑީއާރުޕީގެ ތްރީލައިން ވިޕާ ދެކޮޅަށް މަޖިލީހުގައި ވޯޓް ލުމަށް ނިންމީ ޑީއާރުޕީގެ ކައުންސިލް އިން ނިންމާފައިވާ ނިންމުމަކާ ޚިލާފަށް ޑީއާރުޕީގެ ނައިބް ލީޑަރު އުމަރު ނަސީރާއި އިލްހާމް އަޙްމަދު އަދި އަލީ އާރިފް އެމްއެންބީސީ ވަން (ކުރީގެ ޓީވީ މޯލްޑިވްސްއަށް) އަށް 05 އޯގަސްޓް 2010 ވަނަ ދުވަހުގެ ރޭ އެރުމާއި އަދި އޭގެ ފަހުގެ ރެއެއްގައި މަހުލޫފު އެމްއެންބީސީ ވަންގެ ޕްރޮގްރާމެއްގައި ބައިވެރި ވުމާއި ގުޅިގެންނެވެ. ސަބަބަކީ ޑީއާރުޕީގެ ކައުންސިލް އިން ނިންމާފައިވަނީ އެމްއެންބީސީގެ އެއްވެސް މީޑިއާއަކަށް ޑީއާރުލީގެ ކައުންސިލްގައި ހިނެމޭ އެއްވެސް މީހަކު އިންޓަވިއު ނުދިނުމަށާއި އެމްއެންބީސީގެ އެއްވެސް މީޑިއާއެއްގެ ޕްރޮގްރާމަކަށް ޑީއާރުޕީގެ ކައުންސިލްގެ އެއްވެސް މީހަކު ނޭރުމަށެވެ.


މިގޮތަށް އެޕާޓީން ނިންމާފައި ވަނިކޮށް އެމްއެންބީސީގެ މީޑިއާ މެދުވެރިކޮށް ޑިއާރުޕީގެ ކައުންސިލް މެންބަރުން ފެނުމާއި ގުޅިގެން އަލިވަހީދު ވިދާޅުވެފައިވާކަމަށް ވަނީ އެބޭފުޅާއަށްވެސް ކުރެއްވޭނެ ބައިވަރު ކަންތައް ހުންނާނެ ކަމަށެވެ.


އަލީވަހީދު ވަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި ޑީއާރުޕީގެ ތްރީ ލައިން ވިޕް އާއި ޚިލާފަށް ފަންޑިޔާރުންގެ ބިލަށް ވޯޓް ދީ ނިންމާފައެވެ. އަދި ސިވިސް ސަރވިސް ކޮމިޝަނަށް ލީނާ ޒާހިރު ހުސައިން އައްޔަން ކުރުމަށް ކޮމިޓީގައި ނިންމުމާއި ގުޅިގެން ތަސްމީނު ވިދާޅުވި ވިދާޅުވުމަކަށް ރޮޒެއިނާ އަލީ ވަހީދު ކައިރީގައި ލީނާ ޒާހިރު ހުސައިންގެ ނަން ކޮމިޓީން ފެއިލް ކޮށްލުމަށް އެދުމުން ރޮޒޭނާ އަކީ ޑީއާރުޕީގެ ނައިބް ލީޑަރަށް އަމުރު ކުރަން ކާކުތޯ ސުވާލު ކުރުމަށްފަހު ރޮޒޭނާ ސައިޒްގައި ހުރުމަށް ވިދާލޫވެ ރޮޒޭނާއާ ވަރަށް ހުތުރުބަހުން އެއްޗެތި ވިދާޅުވެފައެވެ. އަދި ތަސްމީންއަށް އަލީވަހީދު އާއި މުއާމަލާމާތް ކުރަން ނުކެރިގެން އުޅޭނީ ކީއްވެތޯ ސުވާލު ކުރުމަށްފަހު ވަރަށް ބޮޑަށް ތަސްމީން އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައި ކަމަށް ކޮމިޓީގެ މެންބަރެއްގެ ފަރާތުން ވަނީ މައުލޫމާތު ލިބިފައެވެ.


މިހުރިހާ ކަމެއް ހިނގާ ދިއުމަށްފަހު ޑީއާރުޕީގެ ކައުންސިލުގެ ފަރާތުން އަލީވަހީދަށް ކުރުމަތި ކުރުވި ފިއްތުން ތަކުގެ ސަބަހުން އަލީވަހީދު ވަނީ ޑިއާރުޕީގެ ތްރީ ލައިން ވިޕާ ޚިލާފަށް އެޕާޓީގައި ހުރިހާ ހިނދަކު ވޯޓް ނުދޭނެ ކަމުގެ ޔަޤީން ކަމާއި ޕާޓީންވެސް ނުކެނޑޭނެ ކަމުގެ ޔަޤީންކަންވެސް ދެއްވާފައެވެ. އަދި އެކަމަށް މާފުކޮށްދިނުމަށް އެދި ޕާޓީގެ ކައުންސިލްގެ ކިބައިން އެދި ވަޑައިގެންފައެވެ. އަދި އަލީވަހީދަށް ކައުންސިލް އިން މާފު ކުރުމަށްފަހު އެކަން ޕާޓީއަށް ގެންލިގެން ދިޔަ 'ބައި" އަނބުރާހޯދުމަށް އަލީވަހީދު ގިއަރެއް ކުރިއަށް ޖައްސާލަ ދިނުމަށާއި މިހާރު އެމްޑީޕީގެ ފަރާތުން ޖާސޫސް ކުރުމަށް މިހާރު އަލީ ވަހީދުއަށް ފަސޭހަވާނެ ކަމަށް ވިދާޅުވެ އެކަން ކޮށްދިނުމަށް އަލީ ވަހީދުގެ ކިބައިން އެދިވަޑައި ގަތުމާއި ގުޅިގެން އެކަމަށް އެކަމަށްވެސް އެއްބަސްވެފައެވެ.

Wednesday, August 4, 2010

އެމްޑީޕީ ހަރުގޭގައި އަލިފާން ރޯވެއްޖެ

އަމީނީ މަގުގައި ހުންނަ އެމްޑީޕީ ހަރުގޭގައި އަލިފާން ރޯވެއްޖެއެވެ. އެމްޑީޕީގެ ތަފާތު ޖަލްސާތަކާއި ބައްދަލުވުންތައް ބާއްވަމުން އަންނަ ހަރުގޭގައި އިރުމަތީ ފަރާތުގައި ހަރުކޮށްފައި ހުރި ސްކުރީން އާއި ދިމާގައި ރޯވި އަލިފާން ފެތުރި ނުގަންނަނިސް ވަނީ ނިއްވާލާފައެވެ. އަދި އަލިފާން ރޯވަން ދިމާވީ ކީއްވެގެން ކަމެއް ނުވަތަ ކިހިނެއް ހިނގި ހާދިސާއެއް ކަމެއް ރަސްމީ އެއްވެސް ފަރާތަކުން ކަށަވަރު ކޮށްދީފައެއް ނުވެއެވެ. http://www.tvm.com.mv/news/index.php?id=2298&page=article&cat=.

Friday, July 30, 2010

ތަރައްޤީގެ މަޝްރޫޢުތައް ބާރަށް ހިންގެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ


ތަރައްޤީގެ މަޝްރޫޢުތައް ބާރަށް ހިންގެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިއަދު އެމަނިކުފާނު ދެއްވި ހަފްތާގެ ރޭޑިޔޯ ޚިޠާބުގައި، ސަރުކާރުން ހިންގަވަމުން ގެންދަވާ ތަރައްޤީގެ މަޝްރޫޢުތަކުގެ މައްޗަށް ބައްލަވާލައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ، ކުޅުދުއްފުށްޓަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އުޅުއްވަމުން މިއަދު އެމަނިކުފާނު ދެއްވި ރޭޑިޔޯ ޚިޠާބުގައި، ސަރުކާރު ހިންގެވުމާ ހަވާލުވެވަޑައިގަތީއްސުރެ، ރާއްޖެއަށް މިހާރުން މިހާރަށް ބޭނުންވާ ޢުމްރާނީ ބައެއް މަސައްކަތްތައް އަވަހަށް ފެށޭނެގޮތަކީ ކޮބައިތޯ ބައްލަވަމުން ގެންދެވިކަން ހާމަކުރެއްވިއެވެ. އަދި ކުރިއަށް މިއޮތް ދުވަސްތަކުގެ ތެރޭގައި، ތަރައްޤީގެ ވަރަށްގިނަ މަޝްރޫޢުތައް ފެށޭގޮތަށް ކަންކަން ރޭވި އިންތިޒާމް ކުރެވިފައިވާ ކަމަށް އެމަނިކުފާނު ކުރިން ވިދާޅުވެފައިވާ ވިދާޅުވުން ތަކުރާރު ކުރެއްވިއެވެ.

މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، ހަމައެކަނި ސަރުކާރުގެ ބަޖެޓުގެ ތެރެއިން މިކަންކަން ހިންގަވާންވެއްޖެނަމަ، ވަރަށްދިގު މުއްދަތެއްގެ ތެރޭގައި ނޫނީ ރައްޔިތުންނަށް މިކަންކަން ފުރިހަމަގޮތުގައި ފޯރުއްވައިދެއްވެން ނެތް ކަމުގައި ވިދާޅުވިއެވެ. އެހެންކަމުން، ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް މިބާވަތުގެ ކަންކަންކުރާ އުޞޫލުން، ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕް ނުވަތަ ސަރުކާރާއި ޢާންމު ވިޔަފާރިއާ ގުޅިގެން ތަރައްޤީގެ މަޝްރޫޢުތައް ހިންގޭނޭ އުޞޫލުތަކެއް ހޯއްދެވުމަށް ނިންމެވީކަން ރައީސުލްޖުމްހޫރިއްޔާ ބަޔާންކުރެއްވިއެވެ. އަދި މި އުޞޫލުން ވަރަށްގިނަ މަސައްކަތް މިހާރު މިވަނީ ހިންގަން ފެށިފައި ކަމާއި، ޚާއްޞަކޮށް، ރާއްޖޭގެ ވަރަށްގިނަ ރަށްރަށުގެ ފެނާއި، ނަރުދަމައާއި އަދި މަގުތައް ހެދުމާއި، ކަރަންޓްގެ ނިޒާމާ، މިކަންކަން ސީދާގޮތުގައި ފެށޭނެ މަގު ސަރުކާރަށް މިހާރު މިވަނީ ފަހިވެފައިކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.

މިގޮތުން ފަށްޓަވާފައިވާ ބައެއް މަޝްރޫޢު ތަކަށާއި އަދި ފަށްޓަވަން ނިންމަވާފައިވާ ބައެއް މަޝްރޫޢުތަކަށް ރައީސުލްޖުމްހޫރިއްޔާ އިޝާރާތް ކުރައްވަމުން، މި މަސައްކަތްތައް ބާރު ސްޕީޑްގައި ހިންގެވެން އެބައޮތް ކަމުގައި ވިދާޅުވިއެވެ. 'މިރާއްޖެއަށް، މިރާއްޖޭގެ ރައްޔިތުންނަށް މިފައިދާތަކާއި ފަސޭހަތައް، މިޚިދްމަތްތައް ފޯރުކޮށްދިނުމަކީ މިއަދުގެ ސަރުކާރަށް ކޮށްދެވެން އޮތް ކަމެއް. އަޅުގަނޑުމެން މަސައްކަތް ކުރަމުން މިއަންނަނީ ތަރައްޤީގެ މަޝްރޫޢުތައް ބާރަށް ހިންގުމަށް. ގެދޮރު ޢިމާރާތް ކުރުމުގެ ކަންތައް ފަހިކަމާއެކީގައި ގެންދެވޭނޭ އުޞޫލުތައް ހޯދަމުން. އަދި މަގުތައް ހެދޭނޭ ގޮތްތަކާއި، މުނިފޫހިފިލުވުމާއި، ކުޅިވަރުގެ ޙަރަކާތްތައް ހިންގޭނެ ގޮތްތަކާއި، މިހާރަށްވުރެ ރަނގަޅަށް އަޅުގަނޑުމެންގެ ދަރީންނަށް ތަޢްލީމު ދެވޭނެގޮތް ހޯދުމާއި، އަދި ހަމައެހެންމެ ރަނގަޅު ޞިއްޙަތެއް ފޯރުކޮށްދިނުމާއި އަދި އާމްދަނީ މަދު ނިކަމެތިންނަށް އަޅާލެވޭނެ ގޮތްތައް ސަރުކާރުން މިހާރު މިއޮތީ އިންތިޒާމް ކޮށްފައި. އަޅުގަނޑުމެންނަށް އޮތީ މިމަސައްކަތްތައް ބާރަށް ހިންގޭނެ ގޮތް ވެފައި.' ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްވި ހަފްތާގެ ރޭޑިޔޯ ޚިޠާބުގައި، ރާއްޖޭގެ ސިޔާސީ މަސްރަޙްގެ މައްޗަށްވެސް ބައްލަވާލެއްވިއެވެ. ރާއްޖޭގެ ސިޔާސީ މަސްރަޙް ވަރަށް ބޮޑަށް ކިލަނބުވެގެން ދިޔަ ދިޔުމުގެ ތެރޭގައި، ޙައްލެއް ހޯދުމަށް ހުރިހާ ފަރާތްތަކަކުންވެސް މަސައްކަތް ކުރާން ފެށުމާ ގުޅިގެން، ވަރަށް އުޖާލާ މަންޒަރެއް މިހާރު ފެނިވަޑައިގަންނަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 'އަޅުގަނޑު މި އުންމީދު ކުރަނީ، ޑީ.އާރު.ޕީ އާއި އެމް.ޑީ.ޕީ، މިދެޕާޓީގެ މަޝްވަރާތަކުން އަޅުގަނޑުމެންނަށް ރަނގަޅު ނަތީޖާ ފެންނާނެ ކަމަށް.' ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބުގައި، އިތުރު އިންތިޚާބެއް ބާއްވަވައިގެންވެސް ރާއްޖޭގެ ރައްޔިތުން ސީދާ އެދޭގޮތަށް ކަންތައްތައް ހިންގެވުމަށްޓަކައި ކުރައްވަން އޮތްކަމެއް ކުރައްވަން ތައްޔާރަށް ހުންނެވިކަންވެސް ހާމަކުރެއްވިއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަކަށްފަހު، ރިޔާސީ އިންތިޚާބަކަށް ވަޑައިގަތުމަށް ވަރަށްބޮޑަށް ތައްޔާރަށް ހުންނެވިކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ . 'އަޅުގަނޑުމެންގެ އަމާޒަކީ މައިގަނޑު ގޮތެއްގައި ދެކަމެއް. އެއްކަމަކީ ރާއްޖޭގައި ޑިމޮކްރަސީގެ ނިޒާމެއް އަށަގެންނެވުން. ރާއްޖޭގެ ރައްޔިތުންނަށް މިނިވަންކަމާއެކީގައި ބިރުގަތުމެއްނެތި އަދި އަރާމުކަމާއެކީގައި އުޅެވޭނޭ ގޮތެއް ހޯދޭތޯ މަސައްކަތް ކުރުން. ހަމައެއާއެކު، ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީ، ރާއްޖޭގެ ސީދާ މުއްސަނދިކަން ދިވެހި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އަމާޒު ކޮށްގެން ކުރާ މަސައްކަތްތައް ކުރިއަށް ގެންދިޔުން.' ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.