Friday, July 30, 2010

ތަރައްޤީގެ މަޝްރޫޢުތައް ބާރަށް ހިންގެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ


ތަރައްޤީގެ މަޝްރޫޢުތައް ބާރަށް ހިންގެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިއަދު އެމަނިކުފާނު ދެއްވި ހަފްތާގެ ރޭޑިޔޯ ޚިޠާބުގައި، ސަރުކާރުން ހިންގަވަމުން ގެންދަވާ ތަރައްޤީގެ މަޝްރޫޢުތަކުގެ މައްޗަށް ބައްލަވާލައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ، ކުޅުދުއްފުށްޓަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އުޅުއްވަމުން މިއަދު އެމަނިކުފާނު ދެއްވި ރޭޑިޔޯ ޚިޠާބުގައި، ސަރުކާރު ހިންގެވުމާ ހަވާލުވެވަޑައިގަތީއްސުރެ، ރާއްޖެއަށް މިހާރުން މިހާރަށް ބޭނުންވާ ޢުމްރާނީ ބައެއް މަސައްކަތްތައް އަވަހަށް ފެށޭނެގޮތަކީ ކޮބައިތޯ ބައްލަވަމުން ގެންދެވިކަން ހާމަކުރެއްވިއެވެ. އަދި ކުރިއަށް މިއޮތް ދުވަސްތަކުގެ ތެރޭގައި، ތަރައްޤީގެ ވަރަށްގިނަ މަޝްރޫޢުތައް ފެށޭގޮތަށް ކަންކަން ރޭވި އިންތިޒާމް ކުރެވިފައިވާ ކަމަށް އެމަނިކުފާނު ކުރިން ވިދާޅުވެފައިވާ ވިދާޅުވުން ތަކުރާރު ކުރެއްވިއެވެ.

މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، ހަމައެކަނި ސަރުކާރުގެ ބަޖެޓުގެ ތެރެއިން މިކަންކަން ހިންގަވާންވެއްޖެނަމަ، ވަރަށްދިގު މުއްދަތެއްގެ ތެރޭގައި ނޫނީ ރައްޔިތުންނަށް މިކަންކަން ފުރިހަމަގޮތުގައި ފޯރުއްވައިދެއްވެން ނެތް ކަމުގައި ވިދާޅުވިއެވެ. އެހެންކަމުން، ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް މިބާވަތުގެ ކަންކަންކުރާ އުޞޫލުން، ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕް ނުވަތަ ސަރުކާރާއި ޢާންމު ވިޔަފާރިއާ ގުޅިގެން ތަރައްޤީގެ މަޝްރޫޢުތައް ހިންގޭނޭ އުޞޫލުތަކެއް ހޯއްދެވުމަށް ނިންމެވީކަން ރައީސުލްޖުމްހޫރިއްޔާ ބަޔާންކުރެއްވިއެވެ. އަދި މި އުޞޫލުން ވަރަށްގިނަ މަސައްކަތް މިހާރު މިވަނީ ހިންގަން ފެށިފައި ކަމާއި، ޚާއްޞަކޮށް، ރާއްޖޭގެ ވަރަށްގިނަ ރަށްރަށުގެ ފެނާއި، ނަރުދަމައާއި އަދި މަގުތައް ހެދުމާއި، ކަރަންޓްގެ ނިޒާމާ، މިކަންކަން ސީދާގޮތުގައި ފެށޭނެ މަގު ސަރުކާރަށް މިހާރު މިވަނީ ފަހިވެފައިކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.

މިގޮތުން ފަށްޓަވާފައިވާ ބައެއް މަޝްރޫޢު ތަކަށާއި އަދި ފަށްޓަވަން ނިންމަވާފައިވާ ބައެއް މަޝްރޫޢުތަކަށް ރައީސުލްޖުމްހޫރިއްޔާ އިޝާރާތް ކުރައްވަމުން، މި މަސައްކަތްތައް ބާރު ސްޕީޑްގައި ހިންގެވެން އެބައޮތް ކަމުގައި ވިދާޅުވިއެވެ. 'މިރާއްޖެއަށް، މިރާއްޖޭގެ ރައްޔިތުންނަށް މިފައިދާތަކާއި ފަސޭހަތައް، މިޚިދްމަތްތައް ފޯރުކޮށްދިނުމަކީ މިއަދުގެ ސަރުކާރަށް ކޮށްދެވެން އޮތް ކަމެއް. އަޅުގަނޑުމެން މަސައްކަތް ކުރަމުން މިއަންނަނީ ތަރައްޤީގެ މަޝްރޫޢުތައް ބާރަށް ހިންގުމަށް. ގެދޮރު ޢިމާރާތް ކުރުމުގެ ކަންތައް ފަހިކަމާއެކީގައި ގެންދެވޭނޭ އުޞޫލުތައް ހޯދަމުން. އަދި މަގުތައް ހެދޭނޭ ގޮތްތަކާއި، މުނިފޫހިފިލުވުމާއި، ކުޅިވަރުގެ ޙަރަކާތްތައް ހިންގޭނެ ގޮތްތަކާއި، މިހާރަށްވުރެ ރަނގަޅަށް އަޅުގަނޑުމެންގެ ދަރީންނަށް ތަޢްލީމު ދެވޭނެގޮތް ހޯދުމާއި، އަދި ހަމައެހެންމެ ރަނގަޅު ޞިއްޙަތެއް ފޯރުކޮށްދިނުމާއި އަދި އާމްދަނީ މަދު ނިކަމެތިންނަށް އަޅާލެވޭނެ ގޮތްތައް ސަރުކާރުން މިހާރު މިއޮތީ އިންތިޒާމް ކޮށްފައި. އަޅުގަނޑުމެންނަށް އޮތީ މިމަސައްކަތްތައް ބާރަށް ހިންގޭނެ ގޮތް ވެފައި.' ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްވި ހަފްތާގެ ރޭޑިޔޯ ޚިޠާބުގައި، ރާއްޖޭގެ ސިޔާސީ މަސްރަޙްގެ މައްޗަށްވެސް ބައްލަވާލެއްވިއެވެ. ރާއްޖޭގެ ސިޔާސީ މަސްރަޙް ވަރަށް ބޮޑަށް ކިލަނބުވެގެން ދިޔަ ދިޔުމުގެ ތެރޭގައި، ޙައްލެއް ހޯދުމަށް ހުރިހާ ފަރާތްތަކަކުންވެސް މަސައްކަތް ކުރާން ފެށުމާ ގުޅިގެން، ވަރަށް އުޖާލާ މަންޒަރެއް މިހާރު ފެނިވަޑައިގަންނަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 'އަޅުގަނޑު މި އުންމީދު ކުރަނީ، ޑީ.އާރު.ޕީ އާއި އެމް.ޑީ.ޕީ، މިދެޕާޓީގެ މަޝްވަރާތަކުން އަޅުގަނޑުމެންނަށް ރަނގަޅު ނަތީޖާ ފެންނާނެ ކަމަށް.' ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބުގައި، އިތުރު އިންތިޚާބެއް ބާއްވަވައިގެންވެސް ރާއްޖޭގެ ރައްޔިތުން ސީދާ އެދޭގޮތަށް ކަންތައްތައް ހިންގެވުމަށްޓަކައި ކުރައްވަން އޮތްކަމެއް ކުރައްވަން ތައްޔާރަށް ހުންނެވިކަންވެސް ހާމަކުރެއްވިއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަކަށްފަހު، ރިޔާސީ އިންތިޚާބަކަށް ވަޑައިގަތުމަށް ވަރަށްބޮޑަށް ތައްޔާރަށް ހުންނެވިކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ . 'އަޅުގަނޑުމެންގެ އަމާޒަކީ މައިގަނޑު ގޮތެއްގައި ދެކަމެއް. އެއްކަމަކީ ރާއްޖޭގައި ޑިމޮކްރަސީގެ ނިޒާމެއް އަށަގެންނެވުން. ރާއްޖޭގެ ރައްޔިތުންނަށް މިނިވަންކަމާއެކީގައި ބިރުގަތުމެއްނެތި އަދި އަރާމުކަމާއެކީގައި އުޅެވޭނޭ ގޮތެއް ހޯދޭތޯ މަސައްކަތް ކުރުން. ހަމައެއާއެކު، ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީ، ރާއްޖޭގެ ސީދާ މުއްސަނދިކަން ދިވެހި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އަމާޒު ކޮށްގެން ކުރާ މަސައްކަތްތައް ކުރިއަށް ގެންދިޔުން.' ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ފަސް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ އަޅުއްވައި ދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި


މި ފަސް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ އަޅުއްވައި ދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މި ޔަޤީންކަން ދެއްވީ، ކުޅުދުއްފުށީގެ ފެންހޮޅިލުމުގެ މަޝްރޫޢާއި، މަގުހެދުމުގެ މަޝްރޫޢާއި، އަދި ރޯ ހައުސްގެ މަޝްރޫޢު މިއަދު ހަވީރު އިފްތިތާޙް ކޮށްދެއްވުމަށްފަހު، މި މުނާސަބަތާ ގުޅިގެން ޖަލާލުއްދީން ސްކޫލުގައި ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އިރާދަކުރެއްވިއްޔާ ކޮންމެ ބަޔަކު ރާއްޖޭގެ ވެރިކަމުގައި ދެން ތިބިނަމަވެސް، މިރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ އެޅޭނެ ކަމަށާއި، މިސަރުކާރުން ވަނީ އެކަމަށް މަގުފަހި ކުރުވާފައި ކަމުގައި ވިދާޅުވިއެވެ.

ސަރުކާރުން ރާއްޖޭގެ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތަކަށް ރައީސުލްޖުމްހޫރިއްޔާ އިޝާރާތް ކުރައްވަމުން، ތަރައްޤީގެ މަގުގައި ކުރިއަށްގޮސް މިރާއްޖެ ބަދަލުކުރުމަށް ކުރާން ހުރި މަސައްކަތަކީ ކޮބައިކަން ސަރުކާރަށް އެނގިވަޑައިގަންނަވާ ކަމުގައި ވިދާޅުވިއެވެ. "އަޅުގަނޑުމެން އެ މަސައްކަތްތައް ކުރާނީ އަދި ކުރަމުން ގެންދާނީވެސް ދެމެހެއްޓެނިވި ގޮތުގައި ތިޔަބޭފުޅުންނަށް ތަރައްޤީ ލިބޭ ގޮތަށް" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ޚަރަދު މިކުރަނީ ރައްޔިތުންގެ ފައިސާއިން ކަމަށްވުމުން، އެ ފައިސާ ރަނގަޅަށް ބޭނުންކުރުމަށާއި ސާފުކޮށް ދެފުށްފެންނަ ގޮތަށް ކަން ކުރުމަށްޓަކައި ހުރިހާ މަޝްރޫއެއްވެސް ރަނގަޅަށް މިނެންޖެހޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިއަދު މި އިފްތިތާޙް ކުރެވުނު ފެންހޮޅިލުމުގެ މަޝްރޫޢާ ބެހޭގޮތުން ވާހަކަފުޅުދައްކަވަމުން، އެމް.ޑަބްލިޔު.އެސް.ސީ. ގެ ޗެއަރޕާސަން ނީޒާ ޢިމާދު ވިދާޅުވީ، ކުޅުދުއްފުށީގައިވެސް ފެނުގެ ޚިދުމަތް ދޭނީ ލޮނުފެން ޑީސެލިނޭޓްކޮށްގެން ކަމަށާއި، ފުރަތަމަ ފިޔަވަހީގައި ބަހައްޓަން ރޭވިފައިވަނީ 250 ޓަނުގެ ޕްލާންޓެއް ކަމަށެވެ. އަދި، އަލްޓްރާވައިލެޓް ޔޫ.ވީ. ސިސްޓަމަކުން ފަރުމާ ކުރެވިގެން ފޯރުވައިދެވޭނީ، ރައްކާތެރި ސާފު ބޯފެން ކަމުގައިވެސް ނީޒާ ވިދާޅުވިއެވެ.

ރޯހައުސް މަޝްރޫޢާ ބެހޭގޮތުން މޯލްޑިވްސް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ޑެޕިޔުޓީ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަޙްމަދު ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، މި ފެށޭ އޯގަސްޓްމަހުގެ ކުރީކޮޅު ރޯ ހައުސްތަކުގެ ޢަމަލީ މަސައްކަތް ފެށިގެންދާނެކަމަށް އުންމީދު ކުރެއްވޭ ކަމަށާއި، މި ރޯ ހައުސްތައް ފަރުމާ ކުރެވެނީ ދެބުރިއަށް ކަމުގައެވެ. އަދި ތިރީބުރި ފަރުމާ ކުރެވިފައިވަނީ ސިޓިންގ ރޫމަކާއި، ބަދިގެއާއި، ކާ ގެ އަދި ގުދަނަކާއި، ފާޚާނާއެއް ހިމެނޭގޮތަށް ކަމަށާއި، މަތީ ބުރީގައި ތިން ކޮޓަރިއާއި ތިން ފާޚާނާ ހިމެނޭ ގޮތަށް ކަމުގައިވެސް ވިދާޅުވިއެވެ.

މަގުހެދުމުގެ މަޝްރޫޢާބެހޭގޮތުން ވާހަކަފުޅު ދެއްކެވީ، މާލޭ މުނިސިޕަލްޓީގެ ރައީސް އާދަމް މަނިކެވެ. މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގައި ހެދުމަށް ހަމަޖެހިފައިވަނީ އެރަށުގެ އެންމެ ބޮޑު މަގު ކަމުގައިވާ އަމީނީމަގު ކަމަށް އާދަމް މަނިކު ވިދާޅުވިއެވެ. އަދި މަސައްކަތް ފެށޭތާ ހައެއްކަ، އަށެއްކަ މަސް ދުވަސް ތެރޭގައި މަސައްކަތް ނިމޭވަރުވާނެ ކަމަށާއި، އިރާދަކުރެއްވިއްޔާ ކުޅުދުއްފުށީގެ ހުރިހާ މަގުތަކެއްވެސް ހެދޭނެ ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ކުޅުދުއްފުށްޓަށް ވަޑައިގަތީ މިއަދު މެންދުރުފަހުއެވެ. ކުޅުދުއްފުށިން އެމަނިކުފާނަށް ދެންނެވީ ވަރަށް ހޫނު މަރުޙަބާއެކެވެ. ރަށުގެ ވަރަށް ގިނަ އަދަދެއްގެ ރައްޔިތުން ރައީސުލްޖުމްހޫރިއްޔާއަށް މަރުޙަބާ ދެންނެވުމަށް ބަނދަރު މައްޗަށް ނުކުތެވެ. އަދި ވަރަށް ގިނަ އަދަދެއްގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި ސަލާން ކުރެއްވިއެވެ. އެއަށްފަހު، ކުޅުދުއްފުށީގައި ނަރުދަމާގެ ޚިދްމަތް ދެމުން ގެންދާ ގޮތް ބައްލަވައިލެއްވުމަށް، އެމް.ޑަބްލިޔޫ.އެސް.ސީ.ގެ ސްވަރޭޖް ސްޓޭޝަނަށް ރައީސުލްޖުމްހޫރިއްޔާ ޒިޔާރަތް ކުރެއްވިއެވެ.