Monday, January 26, 2009

ހިޔާވަހިކަން ލިބެންވީ ތަނަވަސް ކަންނެތް މީހުންނަކަށް ނޫން

މިއީ 03 ޖޫން 2005 ވަނަ އަހަރުގެ ފިޔެސް މަޖައްލާ އަށް އަޅުގަނޑު ލިޔެފައިވާ ލިޔުމެކެވެ.

ހިޔާވަހިކަން ލިބެންވީ ތަނަވަސް ކަންނެތް މީހުންނަކަށް ނޫން

ބައެއް މީހުންނަށް ހީކުރެވޭގޮތުގައި ސަރުކާރުން މާލޭގެ އެކިހިސާބުތަކާއި ހުޅުމާލޭގައި އަޅުއްވާދެއްވާ ފްލެޓް ލިބިމުގައި އިސްކަންދެއްވަނީ ތަނަވަސްކަންނެތް މީހުންނަށެވެ. އަދި ހުޅުމާލެއިން ފްލެޓާއި ބިން ދޫކުރުމުގައިވެސް އެންމެ އިސްކަމެއް ދީފައިވަނީ އެފަދަ ތަނަވަސްކަންނެތް މީހުންނަށް ކަމަށް ހީކުރެވެއެވެ. ހަގީގަތަކީ އެއީ ކަމަށް ވެދާނެއެވެ.

ފަސޭހަކަމާއެކު ބޯހިޔާވަހިވާނެ ގޮތެއް ކޮންމެމީހަކަށްވެސް ލިބިފައި އޮތުމަކީ އެންމެ މުހިއްމު އަސާސީ ހައްގެވެ. އަސާސީ އެހެން ޙިދުމަތްތަކުގެ ފައިދާ ލިބިގަނެވޭނީ އަދި ހޯދޭނީވެސް "ތަނަވަސްކަން ނެތް" މީހުންނަށާއި "ތަނަވަސްކަން ހުރި މީހުންނަށް" ވެސް ހިޔާވަހިކަން ހަމަހަމަ ގޮތެއްގައި ލިބިގެންނެވެ. އެހެން ނޫންނަމަ ކޮންމެ ހައްގެއް ވާނީ ވަކިބައެއްގެ ޙައްގަކަށެވެ. އަސާސީ ހައްގަކަށް ނޫނެވެ.


"މާލޭގެ އެކި ހިސާބުތަކުގައި 'ތަނަވަސް ކަންނެތް މީހުންނަށް' ފްލެޓްތައް ލިބުނުފަދައިން ހުޅުމާލެއިން ފްލެޓާއި ބިން ދޫކުރަންވަނީވެސް އެފަދަ 'ތަނަވަސް ކަންނެތް މީހުންނަށް'. އޭރުން ފައިސާ ނުދެއްކިގެން އުޅޭކަށް ނުޖެހޭނެ. މިފަދަ އަގުބޮޑެތި ތަންތާނގާ އުޅޭނީވެސް އެކަހަލަ 'ތަނަވަސް ކަންނެތް މީހުން'. އެކަމަކު ވާންވީ އެހެންނެއް ނޫން. ފުރަތަމަ އިސްކަންދޭންވީ ނިކަމެތިންނަށް. އަތްމަތި ތަނަވަސް ނޫން މީހުންނަށް. އެމީހުންގެ ފެންވަރުން ކުލި ކަނޑައަޅަންވީ. މިހާރު އާދައިގެ މީހަކަށް ލިބޭ މުސާރައަށް ބަލާފައި ދިރިއުޅުމުގެ ޢާއްމު ޚަރަދުވެސް ހިނގާނެ ވަރު ބާލަފަ ކަނޑައަޅަން ޖެހޭނީ." މާލީގޮތުން އަތްމަތި ދަތި ގެދޮރުގެ ތަނަވަސްކަމެއް ލިބިފައި ނުވާ މީހަކު ބުނެޏެވެ.

ތޮއްޖެހެމުންދާ މާލޭގެ އެންމެބޮޑު އެއްމަސަލައަކީ މަލޭގައި ދިރިއުޅޭ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލައެވެ. ކުދިކުދި ގޮޅިތަކުގައި ތިބެންޖެހުމުގެ ސަބަބުން ޖެހޭ ތަފާތު ބަލިތަކުގެ އިތުރުން އެކިއެކި ފަރުދުންގެ މެދުގައި ޖެހެމުންދާ ހައްލުކުރަން ދަތި އިޖުތިމާއީ މައްސަލަތައްވެސް ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އެކަށީގެންވާ އާމްދަނީއެއް ނުލިބުނުކަމުގައި ވިއަސް ކޮންމެ މީހަކުވެސް ބޭނުންވަނީ އެމީހެއްގެ އާއިލާގޮވައިގެން ވަކި ދިރިއުޅުމެއް އުޅޭށެވެ. ސިއްޙީ އަދި އިޖުތިމާއީ ސަލާމަތައްޓަކައެވެ. އާއިލީ ހަމަޖެހުމަށް ޓަކައެވެ. އަމިއްލަ ވަންތަ ދިރިއުޅުމެއް އުޅުމަށެވެ. ދަރިންގެ މުސްތަގުބަލް އުޖާލާ ކުރުމުގެ މަގްސަދުގައެވެ. މިހުރިހާ ކަމެއްގެ ޙައްލަކީ ސަރުކާރުން މާލޭގެ އެކިތަންތާ އަޅުއްވާދެއްވާފައިވާ ފްލެޓްކަމަށް ނުވަތަ ހުޅުމާލޭން ބިންކޮޅެއް ނުވަތަ ފްލެޓެއް ގަތުން ކަމަށް ކޮންމެ މީހަކުވެސް ގަބޫލު ކުރެއެވެ.

ތަންކޮޅެއް މިނިވަން ދިރިއުޅުމަކަށް ދެވުނު ކަމުގައިވިއަސް އަދި ހަމަނޭވައެއް ނުލެވެއެވެ. މާހައުލު ތަނަވަސްވެފައި އަދި އިމާރާތުގައި ލާފައިހުރި ކުލައާއި އަދި އިމާރާތުގެ ހައިބަތަށް ބަލަފައި ސަރުކާރުން ކަނޑައެޅުއްވި ކުލި ދައްކަންޖެހޭލެއް ބޮޑު ކަމުންނެވެ. ދަތި ދިރިއުޅުމަކުން މިންޖުވުމަށް ލިބުނު ފްލެޓްން އެއްކޮޓަރި ނަމަވެސް އެހެން ބަޔަކަށް ކުއްޔައް ދޫކުރަން ޖެހެއެވެ. ދުވާލު ދެ ދަޅައަށް މަސައްކަތްކޮށްގެން އާއިލާ މީހުންގެ ކެއިންބުއިމަށް ހަރަދުކޮށްފައި މަސްނިމޭއިރު އުޅޭ ތަނުގެ ކުއްޔައް އެއްޗެއް ދެއްކެން ނެތީމައެވެ. އެހެން ނަމަވެސް ކޮންމެ މީހަކުވެސް ފުރަތަމަ ދުވަސްކޮޅު މިގޮތައް ވެދާނެކަމަށް ހީކޮށްފައި، ކޮންމެވެސް ގޮތަކުން ފައިސާ ކޮޅެއް ހޯދަފައި ކަމާބެހޭ ފަރާތައް ދައްކައެވެ. އެކަމަކު މިއީ މާގިނަ ދުވަހަކަށް ދެމިގެންދާކަމެއް ނޫނެވެ. ހައެއްކަ މަސްފަހުން ކުރިން ދެމުންއައި ކުލި ދެއްކުމަށް ތަކުރާރުކޮށް އަންގަމުންދާ މީހުން މަދެއްނޫނެވެ. އެންގުންތަކަށް އަމަލުނުކުރެވުމުން މައްސަލަ ޝަރީއަތަށް ހުށަހަޅާ ކޯޓުގެ ހުކުމަށް ތަންދޫކޮށްލާފައި ނިކުންނަންޖެހޭ މީހުން މަދެއް ނޫނެވެ.

"މިތަނަށް އައިއިރު ހީކުރީ ވަރަށް ރަނގަޅުވާނެކަމަށް. ކުލިވެސް ބަރާބަރަށް ދެއްކޭނެކަމަށް އެކަމަކު އެހެނެއްނުވި. ތަކެތި އަގުބޮޑުވުމާ ހިދުމަތުގެ އަގުބޮޑުވުމުން ލިބޭ އެއްޗަކުން ދެކޮޅު ނުޖެހެޔޭ ބުނެވޭނީ އެއީ މިތަނުގެ ކުލިވެސް މަހުންމަހަށް ބަރާބަރަކަށް ނުދެއްކޭ. އެހެންވެ ބަރާބަރަށް ކުލިދެއްކުމަށް އެކިފަހަރުމަތިން މުނިސިޕަލްޓީން އަންގަމުންދޭ. ފޯރުންތެރިކަން ނެތީމާ ވާގޮތްމީ". ތިންކޮޓަރީގެ ފްލެޓްއެއް މާލޭހިޔާއިން ކުއްޔަށް ލިބިފައިވާ މީހަކު ބުންޏެވެ. "އަހަރެމެންވެސް މާލޭން ގޯތިލިބި ފައިސާ ހުރިނަމަ ހައެއްކަ ބުރިއަށް ގެ ހިއްލާލާފައި ތިބޭނީ އެޕާރޓްމަންޓް ކުއްޔަށްދީގެން މަސައްކަތެއް ނުކޮށް އެތަނުގެ ކުލިން ފައިސާ ހޯދަލަހޯދާލާ". އެމީހާ އިތުރަށް ބުންޏެވެ.

ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި އައިދާގެ މީހެއްގެ މުސާރައަށްވުރެ ދިރިއުޅުމަށް ބޭނުންކުރާ ކޮޓަރިއެއްގެ ކުލި ބޮޑެވެ. އަރާމެއްނެތި ކުރާ މަސައްކަތުގެ މުސާރައިން ކުރެވެނީ ކޮންމެވެސް އެއްކަމެކެވެ. ކޮޓަރި ކުލި ދައްކާފިނަމަ މަސްދުވަހުގެ ރޯދަ ހިފަންޖެހެއެވެ. ބަރާބަރަށް މަސްދުވަހު ކައިފިނަމަ ކޮޓަރި ކުލިދައްކަންޖެހެނީ ދަރަނިވެރި ވެގެންނެވެ. އަނެއްކާވެސް އިތުރުކަމެއް ބޮލުގައި އެޅުނީއެވެ. މިގޮތައް ދިމާވަމުންދަތީ އާއިލާއެއް ބަލަހައްޓާ މީހަކަށް އެހެން ކަމަކާ ވިސްނާކަށް ވަގުތެއް ނުލިބެއެވެ. އާއިލާ މީހުން ކާނެތަކެތި ހޯދުމަށްފަހު ދެންއޮތް މަހު ކޮޓަރި ކުލި ދެއްކޭނޭގޮތެއް އޮތްތޯ ބޯގާނަންޖެހެއެވެ. ނުވިތާކަށް މީހުންއަތުން ނަގާފައިވާ ދަރަނިވެސް ދައްކަންޖެހެއެވެ. އެހެންނޫނީ އަނެއްކާވެސް އަނެއް މަޅީގައި ބެދުނީއެވެ.

މާލޭގޭ ފަސްއަވަށުން ނުވަތަ ހުޅުމާލޭން އަމިއްލަ ދިރިއުޅުމެއް އުޅުމަށްޓަކައި ފުލެޓެއް ނުވަތަ ބިންކޮޅެއްގެ އިންތިޒާރުގައި ތިބި މީހުންގެ "ކިޔޫ" ހައްތާހާ ދަނީ ގިނަވަމުންނެވެ. މިކަމުގައި ގިނަ ދުވަސްތަކަކު އިންތިޒާރުކޮށްފައި ތިބި މީހުންވެސް މަދެއްނޫނެވެ. މާލޭގައި ދިރިއުޅެމުންދާ އުމުރުން 50 އަހަރުގެ މާލޭގެ ރައްޔިތަކު ބުނީ އޭނާގެ "ބައްޕަގެ ކުދިން ގިނަކަމާއެކު ބައްޕަގެ ގޭގައި ހުރިހާ އެންމެންނަށް ނޫޅެވޭތީވެ، އަހަރެން މީހަކާ އިންދުވަހުން ފެށިގެން އަމިއްލަ ދިރިއުޅުމެއް ވަކިން އެހެންތަނެއްގައި އުޅޭނެ ދުވަހަކީ އަބަދުވެސް އަހަރެންނާ އަހަރެންގެ އަންހެނުންގެ އެންމެ ބޮޑު އެއް ހުވަފެން.، އެހެންނަމަވެސް މީހާކާއި އިނދެ ދޮށީ ދަރިފުޅަށް 27 އަހަރު ފުރި އޭނަ މީހަކާ އިންނަން އުޅޭއިރު އަދިވެސް އަހަރެންގެ އެ ހުވަފެން ހަގީގަތަކަށް ނުވޭ. އާއިލާ ގޮވައިގެން، ކުއްޔަށް މީހެއްގެ އަތުން ފުލެޓެއް ހިފައިގެން އުޅެވޭހާ ތަނަވަސްކަމެއް އަދިވެސް މިކުރާ މަސައްކަތަކުން ނުލިބޭ. އަދިވެސް އުޅެމުން މިގެންދަނީ ހަމަ އެ އާއިލާއާއި އެކު މުސްކުޅި ގޭގައި ފިތިބާރުވެގެން. އެކަމަކު އަހަރެންގެ ހުވަފެން 27 އަހަރަށް ފަހުވެސް ހަގީގަތަކަށް ވާނޭކަމުގެ އިންތިޒާރުގައި އަދިވެސް މިހިރީ. އުއްމީދު ކަނޑާލާކަށް ނުވާނެތާ".

ހިޔާވަހިކަން ނެތް މީހުންނަށް ސަރުކާރުން އަޅުއްވާ ދެއްވަމުން ގެންދަވާ ފްލެޓް ނުވަތަ ހުޅުމާލޭން ބިން ހޯދުމަށް ޝަރުތުކުރެވޭ މީހުންގެ ތެރޭގައި މާލޭން ނުވަތަ ރާއްޖޭގެ އެހެންވެސް ރަށަކުން 600 އަކަފޫޓް ނުވަތަ އެއަށްވުރެ ބޮޑު ގޯއްޗެއް ލިބިފައިވާ މީހަކަށް ކުރިމައްޗެއް ނުލެވެއެވެ. 600 އަކަފޫޓަށްވުރެ ކުޑަބިމެއް އޮތްމީހަކު ފޯމް ހުށަހަޅައިގެން ހަމަޖެހިފައިވާ ގޮތަށް ޕޮއިންޓްލިބިގެން ފްލެޓް ލިބިއްޖެނަމަ އެމީހަކަށް ލިބިފައިވާ ބިންކޮޅު ދޫކޮށްލަން ޖެހެއެވެ. ނުވަތަ ކޮންމެވެސް އެހެން ފަރާތަކަށް ދީ ރަޖިސްޓްރީކޮށްދޭން ޖެހެއެވެ. އޮތް އަމިއްލަ ބިންކޮޅުވެސް ގެއްލި މަޖުބޫރުވެގެން މަހުކުއްޔަށް ހިޖުރަކުރަން ޖެހެއެވެ. މިހެން ކަންތައްވެފައި އޮއްވައި، ހާލަތު ނިޔާ ކުރާގޮތުން ފްލެޓް ކުއްޔަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން ކޯޓުން ނިކުތުމަށް އަމުރުކުރެއެވެ. ހަދާނެ އެހެން ގޮތެއް ނެތެވެ. އަދި "ކޮޓަރި" ކުލި ނުވަތަ ކުލީގެ ބައެއްވިއަސް މައާފްކޮށްދެވޭކަށް ނޯވެއެވެ. އެފަދަ މާފެއް އެއްވެސް ފަރާތަކަށް ދެއްވައިފިނަމަ ދެން އެހެން އަނެއްބަޔަކަށްވެސް ހަދާދޭން ޖެހޭނެތީއެވެ. ފްލެޓްފަދަ ތަންތަންވެސް އިމާރާތްކޮށް ހަދަނީ "ހުރިހާ ރައްޔިތުންގެ" ފައިސާއިން ކަމަށް ވާތީއެވެ. ހުރިހާ ރައްޔިތުންގެ ޙައްގަކަށް ބޭއިންސާފު ނުކުރެވޭނޭތީއެވެ. ކަންއޮންނަން ވާނީވެސް އެހެންނެވެ. ހެދިފައި އޮތް ގާނޫނު ތަކަށާއި ގަވާޢިދުތަކަށް އަހަރެމެން ތަބާނުވާނަމަ ކަނޑައެޅިފައި އޮންނަ އަދަބު ދެވެންވާނެއެވެ. ހުކުމް ތަންފީޒުކުރުމުގައި ވަކިމީހަކަށް ވަކިގޮތެއް އޮވެގެން ނުވާނެއެވެ.

އެހެންނަމަވެސް އުޅޭތަން ދޫކޮށްލަފާއި އަތުގައި ފައިސާ ނެތްއިރު ނުކުމެގެން ދާނެތަނެއް ނެތެވެ. އެއް އަސްކަނި ދަށުން އަނެއް އަސްކަނި ދަށުން ދުވަންޖެހުނީއެވެ. އާއިލާ ވިއްސި ވިހާލިވީއެވެ. އުމުރުގެ ހުރިހާ ދުވަހަކު ކުރިހާ މަސައްކަތަކާއި ދިރިއުޅުން ގެއްލުނީއެވެ.

ފަސޭހަކަމާއެކު ބޯހިޔާވަހިވާނެ ގޮތެއް ކޮންމެމީހަކަށްވެސް ލިބިފައި އޮތުމަކީ އެންމެ މުހިއްމު އަސާސީ ހައްގެވެ. އަސާސީ އެހެން ޙިދުމަތްތަކުގެ ފައިދާ ލިބިގަނެވޭނީ އަދި ހޯދޭނީވެސް "ތަނަވަސްކަން ނެތް" މީހުންނަށާއި "ތަނަވަސްކަން ހުރި މީހުންނަށް" ވެސް ހިޔާވަހިކަން ހަމަހަމަ ގޮތެއްގައި ލިބިގެންނެވެ. އެހެން ނޫންނަމަ ކޮންމެ ހައްގެއް ވާނީ ވަކިބައެއްގެ ޙައްގަކަށެވެ. އަސާސީ ހައްގަކަށް ނޫނެވެ.

No comments: