Saturday, November 23, 2013

STO bangurootu vikan Raess Yamin iulaan kuree keevve??




އެސްޓީއޯ ބަންގުރޫޓް ވެފައިވާކަން ރައީސް ޔާމިން އިޢުލާން ކުރީ ކީއްވެ؟
ޠައްޔިބް ޝަހީމް/ 23 ނޮވެމްބަރ 2013

-         އެސްޓީއޯއަށް ދައުލަތުން ބިލިއަން ރުފިޔާ ލިބެންޖެހޭ.
-         އެސްޓީއޯއަށް ގުޅިފައިވާ ލީޑަރުން މިލިއަނުން ފައިސާ ދައްކަން އެބަހުރި.
-         އެސްޓީއޯއާއި ގުޅޭ ކޮރަޕްޝަން މައްސަލަތައް ވަނީ ނައްތާލާފައި.

ޒަމާންތަކެއް ވަންދެން ދައުލަތުގެ ކުންފުޏެއްގެ ގޮތުގައި ހިންގަމުން ގެންދިޔަ އެސްޓީއޯގެ ވިޔަފާރި އެކި ރޮނގުތަކުން ފުޅާ ކުރުމަށްޓަކައި ރައްޔިތުންނަށް ހިއްސާ ވިއްކާ ރައްޔިތުންގެ ފައިސާ ހިމެނޭ ގޮތަށް ތަރައްޤީކޮށް ހިންގަން ފެށިއެވެ. ޒަމާނީ ވިޔަފާރި ތެރެއަށް އެސްޓީއޯ ވަނުމާއެކުވެސް ރައްޔިތުންގެ އަސާސީ ޚިދުމަތްތަކުގެ ބައެއް މުދާތައް ސަރުކާރުގެ އެދުމުގެ މަތިން ފޯރުކޮށްދިނުމުގެ މަސައްކަތްވެސް ދިއައީ ކުރެވެމުންނެވެ.  

ދައުލަތާއި ރައްޔިތުންގެ އެތައް ފައިސާއެއް ހިމަނާއިގެން އެސްޓީއޯއިން ޒަމާނާއެއްގޮތަށް ވިޔަފާރި ކުރަން ފަށާފައިވަނީ ވިޔަފާރީގެ ދާއިރާގައި ހަރަކާތްތެރިވާ އެހެން ކުންފުނިތަކަށް ވުރެ ކުރީގައި އޮވެގެންނެވެ. ދައުލަތުގެ ފަރާތުން ލިބޭ އެހީތެރިކަމާއި އެއްބާރު ލުމާއެކު ބިމުގެ ގޮތުންވެސް އެންމެ ތަނަވަސް ކުންފުނީގެ ގޮތުގައި އޮވެގެންނެވެ. މާބޮޑު ދަތިތަކެއް، ހުރަސްތަކެއް ކުރިމަތި ވުމެއް ނެތިއެވެ.

ރައީސް މައުމޫނުގެ ދުވަސްވަރުގައި ސަރުކާރާއި ދައުލަތުގައި އެނބުރެމުންދިޔަ ފައިސާގެ ބޮޑުބައެއް ދައުރުވަމުން ގޮސްފައިވަނީ އެސްޓީއޯގެ ތެރެއިން ކަމީ ދެބަސް ވެވެންނެތް ހަޤީޤަތެކެވެ. ހަމަ މިއާއިއެކު އެންމެ ކުރީ ޒަމާނުއްސުރެ ފަށައިގެން އެސްޓީއޯގެ ތެރޭގައި ބޮޑެތި ކޮރަޕްޝަން އުޅޭ ވާހަކައާއި އެތާނގަ ނުފޫޒުގަދަ މީހުންގެ މުއްސަނދިކަމާއި އެސްޓީއޯގެ "ގާތް އެކުވެރިންގެ" ޖީބުތައް ބޮޑުވެ ތަނަވަސްވަމުން ދިއުމަކީ ސިއްރުން ހިނގާފައިވާ ކަންކަމަށްވުރެ ފާޅުކަން ބޮޑުކޮށް ހިނގާފައިވާ އެހެންނަމަވެސް ނުބެލިފައި ކުރިއަށް ނުގެންދެވިފައިވާ މައްސަލަތަކެއް ރައްޔިތުން ނެދެތިއްބެވެ.

ރައީސް މައުމޫނު ސަރުކާރު ނިމި ރައީސް ނަޝީދުގެ ސަރުކާރުގައިވެސް އެސްޓީއޯގެ ވިޔަފާރި ކުރިއަރުވާ ތަރައްޤީ ކުރުމަށް އިސްކަންދެވިފައިވެއެވެ. އަދި އެސްޓީއޯ މެދުވެރިކޮށް ބޮޑެތި ޕްރޮޖެކްޓްތައް ހިންގުމަށްފަށައިގަނެވި ވިޔަފާރީގެ މިސްރާބް ބަދަލު ކުރަންފެށުނެވެ. ހަމަ އެއާއިއެކު ދައުލަތުގެ ފައިސާގެ ކަންކަން ހަމަޖެއްސުމުގައިވެސް އެސްޓީއޯގެ އެހީތެރިކަން ދިޔައީ ހޯދަމުންނެވެ.

ރައީސް ނަޝީދުގެ ސަރުކާރުގައި އެސްޓީއޯއާއި ގުޅިގެން ހިނގާފައިވާ ބައެއް ބޮޑެތި ވިޔަފާރި ޚިޔާނާތުގެ މައްސަލަތައް ބަލަންފެށި އެމައްސަލަތައް ހިނގާފައިވާ ގޮތުގެ ކުރިއެރުންވެސް ދިޔައީ ފެންނަމުންނެވެ. ޚާއްޞަކޮށް މަޝްހޫރު 800 މިލިއަން ޑޮލަރުގެ ވަގުވިޔަފާރީގެ މައްސަލަތައްފަދަ ބޮޑެތި އަޑިނޭނގޭ ކަންކަން ވަނީ ހާމަވެ ތަޙްޤީޤް ކުރަން ފެށިފައެވެ.

އެސްޓީއޯ އާއި އެތަނާ ގުޅިފައިވާ ވިޔަފާރީގެ ތަޙްޤީޤްތައް ހިނގަންފެށިތާ މާގިނަދުވަހެއް ނުވެ ރައީސް ނަޝީދު ސަރުކާރު ވައްޓާލުމަށް އަޒުމް ކަނޑައަޅާއިގެން ބަޔަކު މަގުމައްޗަށް ނުކުމެ އަޑު އުފުލަން ފެށިއެވެ. އަސްލެއްނެތް އެތައް ވާހަކަތަކެއް އާއްމު ރައްޔިތުންނަށް ޤަބޫލު ކުރެވޭ މިންވަރަށް ދިއައީ ދައްކާ ގޮވަމުންނެވެ. ނަތީޖާއަކީ ރައީސް ނަޝީދުގެ ސަރުކާރުގެ ސިޔާސަތުތަކާއި މެދު ހޭލުންތެރި ކަމެއްނެތި، ރައްޔިތުނަށް ނޭނގި ނަމަވެސް ދެކޮޅު ހެދެވި ބަޔަކު ދައްކަމުން ހަޤީޤަތެއް އެކުލެވިގެން ނުވާ ވާހަކަތައް އަޑުއަހާ ރައީސް ނަޝީދު އާއި މެދު ނަފްރަތު ކުރެވެން ފެށުމަކަށް ވިއެވެ. ވަކި ހިސާބަކުން ފިތުނައިގެ އަލިފާންގަނޑުގެ ހުޅު ފަޅައިގެންގޮސް ޤާނޫނީ ގޮތުން ރައްޔިތުން އިންތިހާބް ކޮށްފައިވާ ސަރުކާރު ބައެއް ވިޔަފާރި ވެރިންނާއި ފުލުހުންނާއި ސިފައިންގެ އެހީތެރިކަމާއެކު ގުޅިފައިވާ ސިޔާސީ ލީޑަރުންވެގެން ވައްޓާލިއެވެ.

ރައީސް ނަޝީދުގެ ސަރުކާރު ވައްޓާލުމަށްފަހު ވެރިކަމާ ހަވާލުވީ ރައީސް ނަޝީދުގެ ނައިބް ޑރ. ވަހީދުއާއި ގުޅިފައިވާ ސިޔާސީ ލީޑަރުން ތަކެކެވެ. ބަޣާވާތަކުން ވެރިކަން ބަދަލު ކުރެވުމާއި ގުޅިގެން ރާއްޖޭގެ އިޤްތިޞާދު ހީނަރުވެ، ވެރިކަން ވައްޓާލި ފަރާތްކަށް ބައި އަޅަންޖެހުމުގެ ނަތީޖާއަކަށްވީ ދުވަހެއް ދުވަހަކަށް ދައުލަތުގެ މާލިއްޔާ ހުސްވެ، ސަރުކާރުގެ ކުންފުނި ތަކުގެ ފައިސާ ބޭނުން ކުރަން ފެށުމެވެ. މިކަމުގެ އެންމެ ބޮޑު އަސަރެއް ކޮށްފައިވަނީ ސަރުކާރާއި ރައްޔިތުންގެ މައި ކުންފުނި އެސްޓީއޯ އަށެވެ.

އެސްޓީއޯ އަކީ މާލީ ގޮތުން އެންމެ މުއްސަނދި ކުންފުނި ކަމަށްވުމާ ވަޞީލަތާއި ތަކެތީގެ ގޮތުންވެސް އެންމެ މުއްސަނދި ކުންފުނި ކަމަށްވުމުން ސަރުކާރުގެ ވަރަށް ގިނަ ކަންކަން ދިޔައީ އެސްޓީއޯއަށް ބަރޯސާ ކުރަމުންނެވެ. އަދި ހަމަ އެއާއި އެކު ރައީސް ނަޝީދު ސަރުކާރު ދުވަސްވަރު ހިންގަމުން ގެންދިޔަ އެސްޓީއޯ އާއި ގުޅުންހުރި ކޮރަޕްޝަން ތަޙްޤީޤްތައް ހުއްޓުވައި، އެސްޓީއޯގެ ފައިސާ ހޯދުމަށް ކޯޓް ތަކުގައި ހުރި ބޮޑަތި ބައެއް މައްސަލަތައް ކުރިއަށް ނުގެންގޮސް ވަނީ ހުއްޓާލާފައެވެ. މިކަމުގެ ނަތީޖާއަކީ އެސްޓީއޯގެ ރިހޭ ފައިމައްޗަށް ފޮއިވެއްޓުމަކަށެވެ. ސަރުކާރު ދިރުވުމަށް އެސްޓީއޯ އިން ކުރަމުންދިޔަ މަސައްކަތަށް އުޖޫރަ ނުލިބުނު ތާނގާ ލިބެން އޮތް ފައިސާތައްވެސް ހުއްޓި އެސްޓީއޯގެ ހާލު ދުވަހެއް ދުވަހަކަށް ދަށަށް ދިއުމެވެ.

ބަޣާވާތުގެ ސަރުކާރު ދެމެހެއްޓުމަށް އެސްޓީއޯ ކަންބަޅިއެއް ފަދައިން ބާއްވާ ކަތިލަމުން ދިޔައެވެ. ގުޅިފައިވާ ސިޔާސީ ލީޑަރުންނަށް ދަރަށްޏަށް ފައިސާ އާއި މުދާ ދޫކޮށްކޮށް އެސްޓީއޯ ކަފާސްވިއެވެ. އެތަކެތީގެ އަގު ނުލިބުނު ދަނޑިވަޅު ރިޔާސީ އިންތިޙާބަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ މަންފާއަށް ސަރުކާރަށާއި އެ ކެންޑިޑޭޓުންނަށް އެހީތައް ފޯރުކޮށް ދިނުމަށް އެސްޓީއޯގައި އޮބިއަޅައި "ލެޔަށް" ދަންދެންވެސް ވަނީ ބާލާފައެވެ.

މި ހުރިހާ ކަމަކާއެކު ބަޣާވާތުގެ ވެރިކަން ނިމުނު އިރުވެސް ދައުލަތުން އެސްޓީއޯއަށް ދައްކަން ހުރި ފައިސާތައް ނުދެއްކުމުގެ ނަތީޖާއަކީ އެސްޓީއޯގެ ފަރާތުން އާއްމު ރައްޔިތުންނަށް ދެމުންގެންދިޔަ ބައެއް ޚިދުމަތްތަކަށް ބުރޫއަރާ ހޯހޯ ގޮވާލުމެވެ. ރައީސް ނަޝީދުގެ ވެރިކަމުގެ ދުވަސްވަރު ކޮޅަށް ހުރި ރޫފަ ރަނގަޅު އެސްޓީއޯ ބާޣާވާތުގެ ސަރުކާރާއި ގުޅިފައިވާ ސިޔާސީ ލީޑަރުން ވެގެން ލޭ ދަމާލައި އިނދަޖައްސާލާ ނިކަމެތި ކޮށްލީއެވެ.

މިހުރިހާ ކަމަށްފަހު މިއަދު އިޤްތިޞާދީ މާހިރެއް ކަމުގައިވާ އަޑު ބާރުވެފައިވާ ޔާމީން ރައީސް ކަމާއި ހަވާލުވެ ދެވަނައަށްވީ ދުވަހު އެސްޓީއޯގެ އެމްޑީ މަޤާމުން ވަކިކޮށް އެވެރިކަމުގެ ފުރަތަމަ ހަ ދުވަހުގެ ތެރޭގައި އެސްޓީއޯ ބަނގުރޫޓް ވެފައިވާ ކަމަށް އިއުލާން ކުރުމުގެ ހަޤީޤީ ސިއްރަކީ ކޮބާބާވައޭ މިއަދު ހިތައް އަރައެވެ. ސަރުކާރުން އެސްޓީއޯއަށް ދައްކަންޖެހޭ ފައިސާގެ އަދަދު ބިލިއަނުން ނުދައްކާ ހުރި އިރު އެފައިސާ ނުދައްކާ ރައްޔިތުންނާއި ސަރުކާރުގެ ބޮޑު ކުންފުނި އެސްޓީއޯ ބޭކްރަޕްސީ އިއުލާން ކުރުމުގައި ފޮރުވިފައިވަނީ ކޮން ކަމެއް ބާވައެވެ. ގުޅީގައިވާ ސިޔާސީ ލީޑަރުންގެ ފައިކޭޓަށް އެސްޓީއޯ ވެފައިވާއިރު އެފަރާތްތަކުން އެސްޓީއޯއަށް ދައްކަން ހުރި ފައިސާ އަނބުރާ ހޯދުމަށް ނުވަތަ އަތުލުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި މިހެއްދެވީ ކިހިނެއް ބާވައެވެ. މިހުރިހާ ކަމެއްގެ ފަހަތުގައި ޔަޤީނުންވެސް ފޮރވިފައިވާ ހިކުމަތަކާއި ފާޅުކުރަން ޖެހިލުންވާނެ ސިއްރެއް އޮންނާނެ ކަން ގައިމެވެ.

No comments: